ޤާނޫނީ ދާއިރާގެ ކޯސްތައް އޮންލައިންކޮށް ކިޔެވުމަށް، އިމްތިހާނުގެ އުސޫލު ހުރަހަކަށް ނުވާނެ: ބާ ކައުންސިލް
އިމްތިހާނުތައް މަރުކަޒަކަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް، ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތައް އޮންލައިންކޮށް ހިންގުމަށާއި ކިޔެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މިއަދު ހާމަކޮށްފިއެވެ.
ޤާނޫނީ ދާއިރާގެ އިމްތިހާނުތަކުގެ މިންގަނޑުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ބާ ކައުންސިލްގެ ރައީސް ޙުސައިން ސިރާޖު ވިދާޅުވީ، އިމްތިހާނުތަކަށް ހާޒިރުވާންޖެހޭ ގޮތަށް ކަނޑައެޅީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި އެއީ އޮންލައިންކޮށް ކިޔަވައިދިނުން މަނާކުރުން ނޫން ކަމަށްވެސް އޭނާ ސާފުކޮށްދެއްވިއެވެ.
ސިރާޖު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޤާނޫނީ ތަޢުލީމުގެ ފެންވަރު މަތިކޮށް، ދާއިރާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ބާ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދެއެވެ. އެގޮތުން، ޤާނޫނީ ދާއިރާއަކީ ދައުލަތުގެ އިދާރާތަކާއި އާންމު ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ފަންނަކަށް ހެދުމަށްޓަކައި، ކަނޑައަޅަންޖެހޭ އެންމެ ދަށް މިންގަނޑުތައް އެކުލަވައިލަމުންދަނީ ކަމާގުޅުންހުރި މުއައްސަސާތަކުގެ މަޝްވަރާއާއެކު ކަމަށްވެސް އެ ކައުންސިލުން ބަޔާންކުރިއެވެ.
މި މައްސަލައިގައި ދަރިވަރުންގެ މެދުގައި ނުބައި ވިސްނުމެއް އުފެދިފައިވާކަން ފާހަގަކުރައްވައި، ބާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޝަމީލް ވިދާޅުވީ، އިމްތިހާނު ހެދުމަށް ދަރިވަރުން މާލެ އަންނަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ގެނެވުނު ހަމައެކަނި ބަދަލަކީ، ކޮންމެވެސް ރަސްމީ މަރުކަޒަކަށް ހާޒިރުވެގެން އިމްތިހާނު ފުރިހަމަކުރަން ޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމީލް ވިދާޅުވީ
އަޅުގަނޑުމެން އެކުލަވައިލި އުސޫލުގައި މާލެ އައިސްގެން އިމްތިހާނު ފުރިހަމަކުރަންޖެހޭނެ ކަމަކަށް ކަނޑައަޅާފައެއް ނޯންނާނެ. އުސޫލަށް ބަދަލުގެނައީ އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން އިމްތިހާނު ދޭންޖެހޭ ގޮތަށް. ރާއްޖޭގައި ބައިނަލްއަޤްވާމީ އިމްތިހާނުތައްވެސް ބާއްވަމުން އެބަދޭ. އެއީ ރާއްޖޭން ބޭރުގެ އިމްތިހާނުތަކެއް ނަމަވެސް، ރާއްޖޭގެ އެކި މަރުކަޒުތަކުގައި ކުރިއަށްގެންދަނީ،
އަލަށް ޢަމަލުކުރަން ފެށި އުސޫލުގެ ދަށުން، އަންނަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ހުރިހާ ޤާނޫނީ ޑިގްރީ ޕްރޮގްރާމެއްގެ އިމްތިހާނުތައް ބާއްވަންޖެހޭނީ ދަރިވަރުން މަރުކަޒަށް ހާޒިރުވެގެންނެވެ. މީގެ ތެރޭގައި އެ ތާރީޚުގެ ކުރިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައްވެސް ހިމެނެއެވެ. ބާ ކައުންސިލުން ބަޔާންކުރާ ގޮތުގައި، ހާޒިރުވެގެން ހަދާ އިމްތިހާނަކީ ވަކި ކަނޑައެޅިފައިވާ ވަގުތެއްގައި، އިމްތިހާނު ހަދާ ފަރާތްތަކާއި އިންވިޖިލޭޓަރުން އެއް މާހައުލެއްގައި ތިބެގެން، ކައުންސިލްގެ އުސޫލުތަކާ އެއްގޮތަށް ފުރިހަމަ ބެލެހެއްޓުމުގެ ދަށުން ކުރިއަށްގެންދާ އިމްތިހާނުތަކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް