އިބޫ އާންމުންނާއި ޖަޒީރާ ހޮޅުއަށިން ބައްދަލުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ މައްސަލަތަކާއި މެދު މަޝްވަރާކޮށް، އާންމުންގެ މަޝްވަރާ ހޯދުމުގެ ގޮތުން "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި ސިލްސިލާ ބައްދަލުވުންތަކެއް ފައްޓަވަން ނިންމަވައިފިއެވެ.
ޖަޒީރާ ހޮޅުއަށީގެ ނަމުގަައި ކުރިއަށްދާ މި ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ރޭގަނޑު 20:30ގައި ދަރުބާރުގޭގައެވެ.
ހޯމަދުވަހުގެ ބައްދަލުވުމުގައި ވަނީ މާލެއާއި ގުޅުންހުރި އެކި މައްސަލަތަކާއި މެދު މަޝްވަރާކޮށް، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ. މިފަދަ ބައްދަލުވުންތައް، ފަހުގެ ތާރީޚުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުން މައުލޫމާތު ދެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި މި މަޝްވަރާ ފޯރަމްއާއި ބެހޭގޮތުން، އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މާރިޔާ ވިދާޅުވީ ކޯލިޝަން ސަރުކާރުން އަބަދު ވެސް ކަންކަން ކުރަނީ ރައްޔިތުންގެ އަޑުއަހައި މަޝްވަރާކޮށްގެން ކަމަށާއި އެގޮތުން އާ ސަރުކާރުން ވައުދުތަކާއި ޕޮލިސީތައް ނިންމުމުގައި ރައްޔިތުންގެ އަޑު އަހާނެކަމަށެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިގޮތަށް ފޯރަމްތަކެއް ބާއްވަވަން ނިންމެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގެ ފަހުކޮޅުގައިވެސް ވަނީ މި ބީދައިން ކޮމިއުނިޓީ ކެބިނެޓް މީޓިންގތަކެއް ބާއްވަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް