އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ވަން އަންބަރީ ދޯނި ޖޫރިމަނާކޮށްފި
މަލިކު ކައިރިން މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިޔާގެ ކޯސްޓްގާޑުން އަތުލައިގަތް އަންބަރީ ދޯނި ޖޫރީމަނާކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ އުތުރުން ރާއްޖެއާއި އިންޑިއާއާއި ގުޅޭ ކަނޑުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އިންޑިއާ ސަރަހައްދަށް ވަދެ މަލިކުކައިރިން މަސްވެރިކަން ކޮށްފައިވާތީ "އަންބަރީ" އުޅަނދަށް އިދާރީގޮތުން ފިޔަވަޅުއެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އުޅަނދުގެ ވެރިފަރާތް "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު"ގެ 73 ވަނަ މާއްދާގެ (ށ) ގެ ދަށުން 50،000ރ ( ފަންސާސްހާސް ރުފިޔާ) އިން ޖޫރިމަނާކުރިކަމަށް ވަނީ ހާމަކޮށްފައެވެ.
"މިމިނސްޓްރީން މަސްވެރިކަން ކުރުމަށް މިހާރު ދޫކުރަމުންދާ ލައިސަންސްގެ ދަށުން ދޮށީގެ މަސްވެރިކަމުގައާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޭރުގައި ހަރަކާތްތެރިވުމަކީ ލައިސަންސްގެ ޝަރުޠުތަކުގެ ދަށުން މަނާކަމެކެވެ. އަދި ޚާއްޞަކޮށް ހުއްދަނެތި އެހެންގައުމެއްގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކުރުމަކީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ އާއި، ދިވެހިރާއްޖޭއިން ތަސްދީޤްކޮށްފައިވާ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި، މުއާޙަދާތަކާއި، ޤަރާރުތަކާއި ޚިލާފު ކަމެކެވެ. އަދި މިގޮތުން ބަލާއިރު މިއީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް އަދި ރިޕޯޓްކުރުމެއްނެތި ކުރާ (އައި.ޔޫ.ޔޫ) މަސްވެރިކަމުގެ އެންމެ މަތީފަންތީގެ ކުށުގެތެރޭގައި ހިމެނޭ ކުށެއްކަން ފާހަގަކުރަމެވެ" ބަޔާާނުގައި ވެއެވެ.
އަދި މިފަދަ އަމަލުތަކަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރެއް ކޮށްފާނެކަމެކެވެ. އަދި މިފަދަ ޤާނޫނާއި ޚިލާފު އަމަލުތަކަކީ އުޅަނދު ބައިނަލްއަޤްވާމީގޮތުން [ބްލެކްލިސްޓް] ކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ ފުރުޞަތު އޮތްކަމަކަށް ވުމާއެކު، މިއީ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަކަށް އެކަމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން، ދިވެހި މަސްވެރި އުޅަނދުފަހަރު ޤާނޫނާއި، ޤަވާއިދާ ޚިލާފަށް މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް