ކްލާސް ކުރިއަށްދަނިކޮށް ސްކްރީންގައި ރޮނގު ދަމާފައި
ކްލާސް ކުރިއަށްދަނިކޮށް ސްކްރީންގައި ރޮނގު ދަމާފައި
ރިޕޯޓް 15 Sep 2026 | 09:07

އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް؛ ކިޔަވަން ބޭނުން ކުދިންނަށްވެސް ވީ އުނދަގޫ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އޮންލައިންކޮށް ކިޔަވައިދިނުމަކީ ޒަމާނީ ތަޢުލީމުގައި ކިޔަވާ ކުދިންނަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުޞަތެކެވެ. ނަމަވެސް، މި ފަދަ ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ ނަގައި، މުދައްރިސުންނަށާއި ކިޔަވަން ބޭނުންވެފައި ތިބޭ އެހެން ދަރިވަރުންނަށް އުނދަގޫކުރުމުގެ ހިތާމަވެރި މަންޒަރުތައް މިހާރު ދަނީ ފެންނަމުންނެވެ.

އެގޮތުން، މިއަދު މީސް މީޑިއާގައި މީހަކު އާއްމު ކުރި ޕޯސްޓެއްގައިވެސް ވަނީ މިފަދަ މައްސަލައެއް ފެންމަތިކުރުވާފައެވެ.

އެ ޕޯސްޓުގައި ފާހަގަކޮށްފައިވަނީ އޭލެވެލް ދަރިވަރުންތަކަކަށް ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، ހިލޭ ސާބަހަށް ކިޔަވައިދިން ސެޝަނެއްގައި ބައެއް ދަރިވަރުންގެ ފަރާތުން ފެނިގެންދިޔަ ދަށު ދަރަޖައިގެ އަޚްލާޤީ ޢަމަލުތަކުގެ ވާހަކައެވެ.

އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.

ނަމަވެސް، ހިތާމައަކީ މިއިން އެއްވެސް ކަމެއްގެ އަގު ވަޒަންކުރުމެއް ނެތި، ބައެއް ދަރިވަރުން މުޅި ކްލާހުގެ ފޯކަސް ގެއްލުވާލުމެވެ. ސްކްރީނުގައި އެކި އެއްޗެހި ކުރަހައި، ޗެޓް ބޮކްސް ބޭއަދަބީ ބަސްތަކުން ފުރާލައިގެން މުދައްރިސަށާއި ކިޔަވަން ވަދެތިބި އެތައް ކުދިންނަކަށް ޖެއްސުންކޮށް ވަގުތު ބޭކާރުކޮށްލިއެވެ.

ކްލާސް ކުރިއަށްދަނިކޮށް ސްކްރީންގައި ރޮނގު ދަމާފައި-

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބެލެނިވެރިއަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އެތައް ވަގުތެއް ޤުރުބާންކޮށްގެން ހިލޭ ސާބަހަށް ދިން ފުރުޞަތެއް ކަމަށާއި، ދަރުވަރުންގެ ފަރާތުން ފެންނަ މިފަދަ ޢަމަލުތަކަކީ "ކޫލް" ކަމެއް ނޫން ކަމަށެވެ.

އަދި މުދައްރިސުން އެ ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަން ގިނަ ދަރިވަރުންނަށް ނޭނގޭ ކަމަށް ބުނެ އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ޕޯސްޓަށް ކޮމެންޓްކުރި އެހެން ފަރާތަކުން ބުނެފައިވަނީ، މިކަމުގެ ސަބަބުން 30 މިނެޓަށް ވުރެ ގިނަ ވަގުތު ބޭކާރުވެ، ބައެއް މުހިންމު ބައިތައް ނުނިމި ކްލާސް ނިންމާލަން ޖެހުނު ކަމަށެވެ. އަދި އޭލެވެލް ހަދާ ބޮޑެތި ދަރިވަރުންގެ ފަރާތުން މިފަދަ ނާތަހުޒީބު ޢަމަލުތައް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ، ޚާއްޞަކޮށް އެޗް.އެސް.ސީ (ދިވެހި) މާއްދާތަކަށް މިފަދަ ތަޖުރިބާކާރު މުދައްރިސުންގެ އެހީތެރިކަން ލިބުމަކީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއް ކަމަށެވެ. އަދި ކިޔަވަން ބޭނުން ނުވާނަމަ އެ ފުރުޞަތު ދޫކޮށްލުމުގެ އިޚްތިޔާރުވެސް އޮންނާނެ ކަމަށާ، އޭގެ ބަދަލުގައި، މުޅި ކްލާސް ހަރާބުކޮށްލުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

އޮންލައިން ކްލާސްތަކުގައި ދަރިވަރުންގެ ފަރާތުން ފެންނަ މިފަދަ އަޚްލާޤީ މައްސަލަތަކަކީ ހަމައެކަނި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުމެއް ނޫނެވެ.

މިއީ މުޅި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑާމެދު ސުވާލު އުފެދޭ، އަދި ބެލެނިވެރިންވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ހައްލުކުރަންޖެހިފައިވާ މުހިންމު މައްސަލައެކެވެ. ތަޢުލީމު ހާސިލުކުރުމުގައި އަޚްލާޤާއި އަދަބު އިސްނުކުރެވޭނަމަ، ލިބޭ ސެޓްފިކެޓުގެ އެއްވެސް އަގެއް ނޯންނާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް