އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި، ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް
ވިހެއުމަށްފަހު އަނބިމީހާއަށް ބޭނުންވާ އަރާމާއި ހަމަޖެހުން ހޯދައިދިނުމުގެ ގޮތުން، އަލަށް އުފަންވި ދަރިފުޅު ވަގުތުން ކާފަމެންނާ މާމަމެންނާ ބައްދަލުކުރުން ފަސްކުރަން އިންޑިއާގެ ދެމަފިރިއަކު ނިންމި ނިންމުމަކާ ގުޅިގެން މީސްމީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
މި ވާހަކަ ސަމާލުކަމަށް އައީ އިންޑިއާގެ ލައިފްސްޓައިލް އިންފްލުއެންސަރެއް ކަމަށްވާ ރޯހިތު ކުމާރު (ޓްރެވަލްހޮލިކް ޑެޑީ)، ހޮސްޕިޓަލް ރޫމުގައި އޭނާގެ އަލަށް އުފަންވި އަންހެން ދަރިފުޅު އުރައިގެން ހުރެ ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ، ދަރިފުޅު ވިހެއުމާއެކު މާމައާއި ކާފައާ ބައްދަލުނުކުރުވީ އެ ދެމަފިރިން އަމިއްލައަށް ނިންމި ނިންމުމެއްގެ ދަށުން ކަމަށެވެ.
ރޯހިތު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މިއީ އެއްވެސް ހާލެއްގައި މައިންބަފައިންނަށް އިހުތިރާމު ކުޑަކުރުމުގެ ގޮތުން ނުވަތަ އާއިލާއާ ދުރުވުމުގެ ނިޔަތުގައި ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި، މިއީ ވިހެއުމަށްފަހު އަންހެނަކަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ހަމަޖެހުމާއި، ގާތުން ކިރުދިނުން ފަދަ އާ ކަންކަމަށް ހޭނުމަށް އަނބިމީހާއަށް ޖާގަ ދިނުމަށް ނިންމި ނިންމުމެއް ކަމަށް އޭނާ ބުންޏެވެ.
"ކާފަދަރިއަކަށް ވުމުގެ ކުރިން، އެ ކުއްޖާއަކީ އަހަރެމެންގެ ދަރިފުޅު. އެހެން މީހުންގެ އުންމީދުތައް ފުރިހަމަކުރުމުގެ ކުރިން، އަހަރެމެން ތިން މީހުން އާއިލާއެއްގެ ގޮތުގައި ހަމަޖެހިލަން ވަގުތު ބޭނުންވި،" ރޯހިތު ލިޔެފައިވެއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، ޒަމާނުއްސުރެ އޮންނަ އާދަކާދަތަކަށްވުރެ ވިހެއުމަށްފަހު މައެއްގެ ހަމަޖެހުމާއި އަރާމު އިސްކުރަން ޖެހެއެވެ.
މި ނިންމުމާ ގުޅިގެން އިންޓަނެޓުގައި ހިޔާލުތައް ވަނީ ދެބައިވެފައެވެ. ބައެއް މީހުން މި ނިންމުމަށް ވަރަށް ބޮޑަށް ތާއީދުކޮށްފައިވެއެވެ. ދެ ކުދިންގެ މައަކު ބުނެފައިވަނީ، ވިހެއުމަށްފަހު އެ ލިބޭ ވަރުބަލިކަމުގެ ތެރޭގައި މައިމީހާ އޮންނައިރު ގިނަ އަދަދަކަށް މީހުން ޒިޔާރަތްކުރުމަކީ އުނދަގޫވާ ކަމެއް ކަމަށާއި، މި ދަނޑިވަޅުގައި އަންހެން މީހާގެ އަރާމު އިސްކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
އަދި މީގެ އިތުރުން އަލަށް މަންމައަކަށް ވުމަކީ ވަރަށް ގިނަ އިހްސާސްތަކާއި ތަޖުރިބާތަކެއް ކުރެވޭ ކަމަކަށްވާއިރު، އެފަދަ ދަނޑިވަޅުތަކުގައި، މައިންބަފައިން ކަން ކުރާ ގޮތަށް އެހެން މީހުން ފާޑުކިޔައި ހެދުމަކީ ވަރަށް އުނދަގޫތަކާ ކުރިމަތިވާ ކަމެއް ކަމަށްވެސް މީހަކު ބުނެފައިވެއެވެ.
ނަމަވެސް، އަނެއްބައި މީހުން ދެކޭގޮތުގައި މިއީ ކާފައާއި މާމަ ފަދަ އާއިލާގެ އެންމެ ގާތް މީހުން އުފަލުން މަހުރޫމުކުރުމެވެ. މިގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ، ވިހެއުމަށްފަހު ދިމާވާ ދަތި ވަގުތުތަކުގައި މާމަމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި، މިއީ ޒަމާނީ ވިސްނުމުގެ ނަމުގައި އާއިލީ ގުޅުންތަކަށް ބުރޫއަރުވާލުން ކަމަށެވެ.
މި ބަހުސާއެކު، ވިހެއުމަށްފަހު އާއިލީ އާދަކާދަތަކަށް އިސްކަންދިނުމާއި، އާ މައިންބަފައިންގެ އަމިއްލަ މިނިވަންކަމާއި އަރާމަށް އިސްކަންދިނުމުގެ މެދުގައި އޮންނަންވީ އިމަކީ ކޮބައިތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް