ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާނެ މެންބަރުން އެކަން އެންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލުމާ މެދު ދެކޭ ގޮތް ޕާޓީގެ ޢާންމު މެންބަރުންނަށް ސާފުވުން މުހިންމުކަމަށެވެ.
އެހެންކަމުން، މި ނޮވެމްބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުން އެކަން ޕާޓީގެ ސެކްރެޓޭރިއަޓަށް މެސެޖަކުން އެންގެވުމަށް ވަނީ އެދިފައެވެ. އަދި މާލޭގައި އެ ވަގުތު ނޫޅުއްވާ ބޭފުޅުންވެސް އެކަން އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރަސްމާލެ މަޝްރޫޢަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢަށް ވާއިރު، މި މަޝްރޫޢާ ގުޅިގެން ސިޔާސީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. މި މަޝްރޫޢުގެ ދަށުން ވެފައިވާ އެއްބަސްވުމުގެ ޝަރުޠުތަކާއި، ޤައުމީ ސިޔާދަތަށް އޭގެ ސަބަބުން ކޮށްފާނެ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީގެ އިސް ފަރާތްތަކާއި ޢާންމު މެންބަރުން އަންނަނީ ފާޅުގައި ދެކޮޅުހަދަމުންނެވެ.
މި މަޝްރޫޢާ މެދު އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުން ދިޔަ ނަމަވެސް، ރައީސް ނަޝީދު ވަނީ ރަސްމާލެ މަޝްރޫޢަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، އެ މަޝްރޫޢުގެ ދިފާޢުގައި އަޑުއުފުއްލަވާފައެވެ.
ސަރުކާރުން ބުނަމުންދަނީ މި މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް އެކުލަވާލާފައިވާ މުހިންމު އިޤްތިޞާދީ އަދި އިޖުތިމާޢީ މަޝްރޫޢެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް