ޣައްޒާގައި ޑަބްލިއުއެފްޕީން ދެމުންދިޔަ ކާބޯތަކެތީގެ އެހީ މަދުކޮށް، 5 ލައްކަ މީހުންނަށް އެހީތެރިކަން ދިނުން މެދުކަނޑާލައިފި
ފައިސާގެ ދަތިކަމާ ހުރެ، ޣައްޒާގެ 500,000 މީހުންނަށް ކޮންމެ މަހަކު ދެމުން އައި ކާބޯތަކެތީގެ އެހީ މެދުކަނޑާލަން ޖެހިއްޖެ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ.
އެ ޖަމާޢަތުން ހާމަކުރި ގޮތުގައި، އެހީ ލިބޭ މީހުންގެ ޢަދަދު 1.6 މިލިއަނުން 1.1 މިލިއަނަށް ވަނީ ކުޑަކޮށްފައެވެ. ބަހާ ކާބޯތަކެތީގެ މިންވަރު ބައިކުޅަ އެއްބަޔަށް ދަށްކޮށް، 75,000 އާއިލާއަކަށް ދެމުން އައި ނަގުދު ފައިސާގެ އެހީވެސް ހުއްޓާލާފައިވެއެވެ. އަމިއްލައަށް ކެއުން ތައްޔާރުނުކުރެވޭ ފަރާތްތަކަށް ކޮންމެ ދުވަހަކު ދެމުން އައި ކާނާގެ ޕެކް 250,000 އިން 150,000 އަށް މަދުކޮށްފައިވާ ކަމަށްވެސް ޑަބްލިއުއެފްޕީން ބުނެއެވެ.
މި ނިންމުމުގެ އަސަރު ކުރާނީ މިހާރުވެސް ކާނާ ހޯދަން ދަތިވެފައިވާ ޣައްޒާގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށެވެ. އެ ޖަމާޢަތުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 1.4 މިލިއަން މީހުން، ނުވަތަ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތި ތިބިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 200,000 މީހުން ތިބީ ކުއްލި ނުރައްކަލުގެ ހާލަތެއްގައެވެ.
ރޮއިޓަރސްއާ ވާހަކަދައްކަމުން، ޑަބްލިއުއެފްޕީގެ އެކްޓިންގ އެގްޒެކެޓިވް ޑިރެކްޓަރ ކާލް ސްކާއު ބުނީ، ޤަތުލްއާއްމު ހުއްޓާލުމުގެ އެއްބަސްވުމަށް އަހަރެއް ވީއިރުވެސް ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފެންވަރެއްގައި ކަމަށާއި، ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް އަދިވެސް ނުލިބޭ ކަމަށެވެ. ޤަތުލްއާއްމުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ހަތަރުވަނަ ފިނި މޫސުމަކާ ކުރިމަތިލާއިރު، ކުރިއަށް އޮތް ހަ މަސްދުވަހަށް 450 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ސްކާއު ބުންޏެވެ.
ޣައްޒާއާއި އިސްތިޢުމާރީ އިޒްރޭލުން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރިފަށުގައި އިންސާނީ އެހީގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް މި ފައިސާ ލާޒިމުކޮށް ބޭނުންވާ ކަމަށް ބުނެ، ދުނިޔެއިން މިކަމަށް ފަރުވާކުޑަކުރަން ވާ ވަގުތެއް ނޫން ކަމަށް ޑަބްލިއުއެފްޕީން ގޮވާލާފައިވެއެވެ.
ފާއިތުވި އަހަރު އެމެރިކާގެ މެދުވެރިކަމާއެކު ހެދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ އަލުން ބިނާކުރަން ރާވާފައިވީ ނަމަވެސް، އިޒްރޭލުގެ ސިފައިން ފޭބުމާއި ޙަމާސްގެ ހަތިޔާރު ބެހެއްޓުމާ ބެހޭ މާއްދާތައް ތަންފީޒުކުރުމުގައި އަދިވެސް އެއްވެސް ކުރިއެރުމެއް ނައިސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް