ބަންޑާ އަޗޭ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
އިންޑިއާ ކަނޑުގެ ބަންޑާ އަޗޭ ސަރަހައްދަށް މިއަދު އައި ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ، މިއަދު މެންދުރުފަހު ރާއްޖެ ގަޑިން ގާތްގަނޑަކަށް 14:42 ހާއިރުއެވެ. ކަނޑުގެ 156 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުން އައިސްފައިވަނީ ދެކުނު ލެޓިޓިއުޑް 8.04 އަދި އިރުމަތީ ލޮންޖިޓިއުޑް 127.57 ސަރަހައްދަށެވެ. ބިން ހެލުން އައި ނަމަވެސް ސުނާމީއެއް އުފެދިދާނެކަމުގެ ބިރެއް ނެތްކަމަށް ސްރީލަންކާގެ މީޓިއޮރޮޖީން ވަނީ ހާމަކޮށްފައެވެ.
ބިންހެލުން އައިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ޚާއްޞަ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ، ބިންހެލުމުގެ ސަބަބުން ލަންކާގެ އައްސޭރިފަށުގެ އެއްވެސް ސަރަހައްދަކަށް ސުނާމީގެ އަސަރުކޮށްފާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މި އިރުޝާދު ނެރެފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ލޮޅުމާއެކު، އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އުފެދިދާނެ ކަންބޮޑުވުމަށް ބަލާފައިކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ. މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިންވެސް ވަނީ އެކަން އެފަރާތުގެ ވެބްސައިޓްގައި ނޮޓިފައިކޮށްފައެވެ.
ބަންޑަ އަޗޭ ސަރަހައްދަށް މިހާތަނަށް އެންމެ ބާރުގަދަ އެއް ބިންހެލުމުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު އައި ބިންހެލުމެވެ. ރެކްޓަރ މިންގަނޑުން 9.3 ބާރުގަދަ އެ ބިންހެލުމުގައި އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދި ރާއްޖެއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރާއްޖެއަށް އެރި ސުނާމީ އެ ކާރިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނުއިރު ބައެއް ދިވެހިން ވީއެއް ނުވީއެއް ނޭނގި ގެއްލުނެވެ. އަދި އުމްރާނީގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ސުނާމީ ކާރިސާގައި ލިބުނެވެ، ސުނާމީ އެ ކާރިސާއަކީ ރާއްޖޭގެ ތާރީހުގައިވެސް ދިވެހިންނަށް ކުރިމަތިވި އެންމެ ގެއްލުންބޮޑު ޤުދުރަތީ ކާރިސާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް