އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫގެ ދޮށީ ދަރި އަވްނަރގެ ކައިވެނި ކެންސަލްކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިޒްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ދޮށީ ދަރި އަވްނަރ ނަތަންޔާހޫގެ ކައިވެނި ކެންސަލްކޮށްފިއެވެ.
އިޒްރާއީލް ޓައިމްސްއިން ބުނެފައިވަނީ އެންމެ ފަހުވަގުތު އަވްނަރގެ ކައިވެނި ކެންސަލްކޮށްފައިވަނީ އީރާނާ އިޒްރާއީލް ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ކައިވެނި ހަފްލާގެ ރައްކާތެރިކަމާމެދު ޔަގީންކަން ނެތުމުގެ ސަބަބުންނެވެ. ކައިވެނި ހަފްލާ ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އަންގާރަދުވަހު އިޒްރާއީލްގެ އައްސޭރިފަށުގެ ސަރަހައްދެއްކަމަށްވާ ޔަކުމްގައެވެ.
ނަތަންޔާހޫގެ ދަރީގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ވަރުގަދަ ސެކިއުރިޓީއާއެކުގައެވެ. އެގޮތުން ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ 1.5 ކިލޯމީޓަރު ރޭޑިއަސް ވައިގެ ސަރަހައްދު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިފައިވާ ފުލުހުންގެ ހެލިކޮޕްޓަރުތަކަށް ނޫނީ އެހިސާބަށް ނުވަދެވޭގޮތަށް އޮތީ ހަމަޖައްސާފައެވެ.
ވައިގެ ސަރަހައްދުގެ އިތުރުން ކައިވެނީގެ ހަފްލާ ބާއްވާ ސަރަހައްދަށް ވަދެވޭ މަގުތަކާއި މުޅި އެ ސަރަހައްދުވެސް ވަނީ ފެންސް ޖަހައިގެން ބަންދުކޮށްފައެވެ.

އަވްނަރގެ ކައިވެނީގެ ހަފްލާއަށް އެއްވެސް ސިޔާސީ މީހަކަށް ދައުވަތު ފޮނުވާފައެއް ނުވާކަމަށް އިޒްރާއީލް ޓައިމްސްއިން ބުނެއެވެ. ޕާޓީއަށް ދައުވަތު ދީފައިވަނީ ދެފަރާތުގެ އާއިލާގެ މީހުންގެ ތެރޭގައި ހިމެނޭ ވަކި ބަޔަކަށެވެ.

ނަތަންޔާހޫ ދަރީގެ ކައިވެނީގެ ހަފްލައާ ދިމާކޮށް އިޒްރާއީލް ސަރުކާރާ ދެކޮޅު ފަރާތްތަކުން ވަނީ މުޒާހަރާކުރުމަށްވެސް ރާވާފައެވެ. ސަބަބަކީ އަސީރުންގެ ގޮތުގައި ތިބި ޔަހޫދީން މިނިވަންނުކޮށް ނަތަންޔާހޫގެ އާއިލާއިން ޕާޓީބާއްވައި އުފާފާޅުކުރާތީއެވެ.
އީރާނާ އިޒްރާއީލުން ހަނގުރާމައެއް ފެށުމުގެ ބިރުބޮޑުވެފައިވާއިރު، މަަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ އެއީ މުޅި މެދުއިރިމައްޗަށްވެސް އެކަމުގެ ގެއްލުން ލިބޭނޭ ކަމެއްކަމަށެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ވާހަކަތައް ފަށައި ސުލްހަވުމަށް ބައިނަލްއަޤްވާމީ މުޖުތައުމައުއިން ދަނީ ގޮވާލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް