ހިނާޓާ މިޔަޒަވާ ޒެމްބިއާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ހިނާޓާ މިޔަޒަވާ ޒެމްބިއާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 22 Jul 2023 | 14:02

ޒެމްބިއާ އަތުން ޖަޕާނަށް ފަސޭހަ މޮޅެއް!

މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިއަދު މެންދުރު ކުޅެވުނު މެޗުގައި 2011 ވަނަ އަހަރުގެ ޗެމްޕިއަން ޖަޕާނުން ޒެމްބިއާ ކޮޅަށް 5 ލަނޑުޖަހައިފި އެވެ.

މި މެޗުގެ ފުރަތަަމަ ހާފުގައި ޖަޕާނުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނުއިރު، މިހާފުގައި އެޓީމުން ވަނީ ޒެމްބިއާގެ ގޯލަށް 10 ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޖަޕާނުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި މެޗުގައި ޖަޕާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރ ހިނާޓަ މިޔަޒަވާ އެވެ. މިއީ އެޓީމުގެ ފޯވާޑް އައޯބާ ފުޖިނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޖަޕާނުން އިތުރު ހަތަރު ގޯލު ކާމިޔާބުކުރިއިރު، ފަހުހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުގެ މިނާ ޓަނަކާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި މެޗުގައި ޖަޕާނުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިނާ ޓަނަކާ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ހިނާޓަ މިޔަޒަވާ ކާމިޔާބުކޮށްދިންއިރު ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖުން އެންޑޫ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޒެމްބިއާގެ ކީއްޕަރަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު، ޖަޕާނުގެ ފަސްވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ފޯވާޑް ރީކޯ އުއެކީ އެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ސީގެ އެއްވަނައިގައި މިވަގުތު އޮތީ ޖަޕާނެވެ. ދެވަނަގައި އޮތް ސްޕެއިން އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު މި ގުރޫޕްގައި ދެން ހިމެނެނީ ޒެމްބިއާ އަދި ކޮސްޓަރީކާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް