އިންގްލެންޑާއި ހައިޓީ ވާދަކުރި މެޗުގެ ތެރެއިިން
އިންގްލެންޑާއި ހައިޓީ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 22 Jul 2023 | 14:48

މުބާރާތުގައި އަލަށް ވާދަކުރަމުން އަންނަ ހައިޓީ އަތުން ހަނިގޮތަކަށް އިންގްލެންޑް މޮޅުވެއްޖެ!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި އިންގްލެންޑާއި ހައިޓީ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އިންގްލެންޑުން މޮޅަށް ކުޅުނު ނަމަވެސް މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ހައިޓީގެ ފަރާތުން މިހާފުގައި ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފުގައި އިންގްލެންޑަށް މެޗުގެ ލީޑު ހޯދައިދިނީ ފުރަތަަމަ ހާފުގެ 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބަޔާން މިއުނިކްގެ ފޯވާޑް ޖޯޖިއާ ސްޓެންވޭ އެވެ.

ޖޯޖިޔާ ފުރަތަމަ ފޮނުވާލި ޕެނަލްޓީ ހައިޓީގެ ކީއްޕަރު ކެރްލީ ތީއުސް ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ ދެވަނަ ފަހަރަށް ޕެނަލްޓީ ޖެހުމުގެ ފުރުޞަތު އިންގްލެންޑަށް ދީފައެވެ. އެއީ ޕެނަލްޓީ ޖެހި ކުޅުންތެރިޔާ ބޯޅައިގައި ޖެހުމުގެ ކުރިން ހައިޓީގެ ކީއްޕަރު ގޯލްލައިން ދޫކޮށް ކުރިއަށް ނުކުމެފައިވާތީއެވެ.

ދެވަނަ ފުރުސަތުގައި ޖޯޖިޔާ ވަނީ ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އިންގްލެންޑަށް މި މެޗުގެ ލީޑު ހޯދައިދީފައެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އިންގްލެންޑުން ނެވެ. ނަމަވެސް މިހާފުގައި އެޓީމުގެ އެޓޭކުތަށް ހުއްޓުވުމުގައި ހައިޓީގެ ފަހަތަށް ކުޅޭ ކުޅުންތެރިން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ. މި އާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނައިގައި މިވަގުތު އޮތީ އިންގްލެންޑް އެވެ. މި ގުރޫޕްގައި ހައިޓީގެ އިތުރުން ދެން ހިމެނެނީ ޑެންމާކްގެ އިތުރުން ޗައިނާ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް