ލުކާކޫ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ލުކާކޫ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު 22 Feb 2023 | 23:04

ފަހުވަގުތު ލުކާކޫ ކާމިޔާބުކޮށްދިން ލަނޑުން ޕޯޓޯ އަތުން އިންޓަރ މިލާން މޮޅުވެއްޖެ!

ޔުއެފާ ޗެންޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯއާއި ވާދަކޮށް 1-0 ގެ ނަތީއްޖާއަކުން އިޓަލީގެ އިންޓަރ މިލާން މޮޅުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތު ލިބި ބޭނުން ނުކުރެވިފައެވެ. މިގޮތުން ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އިންޓަރ މިލާންގެ މިޑްފީލްޑަރ ހަކަން ކަލްހަނޮގްލޫ ފޮނުވާލި ހަމަލާ ޕޯޓޯގެ ކީއްޕަރު ދިފާއުކުރި އިރު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އިންޓަރ މިލާންގެ ޑިފެންޑަރ އެލެސެންޑްރޯ ބަސްޓޯނީ ފޮނުވީލި ނުރައްކަތެރި ހަމަލާ ޕޯޓޯގެ ގޯލްކީއްޕަރ ޑިއޭގޯ ކޯސްޓާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

އިންޓަރ މިލާން އާއި ޕޯޓޯ ވާދަކުރި މެޗުގެ ތެރެއިން

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ޕޯޓޯގެ އެޓޭކުތައް ފެނުނީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. އެގޮތުން ގާތްގާތުގައި އިންޓަރ މިލާންގެ ގޯލާއި އަމާޒުކޮށް އެޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. ނަމަވެސް އެޓީމަށް ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިއުޅެނިކޮށް، ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރ އޮޓަވިއޯ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ.

ޕޯޓޯ އިން އެއްކުޅުންތެރިއެއް މަދުކޮށް ކުޅެންޖެހުމުގެ ފައިދާނަގައި އިންޓަރ މިލާނުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މި ލަނޑާއި އެކު މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީއްޖާއަކުން އިންޓަރ މިލާން މޮޅުވެގެންނެވެ.

މި ދެޓީމު ވާދަކުރާ ދެވަނަ ލެގުގެ މެޗު ޕޯޓޯގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވަނީ މާރިޗު މަހުގެ 14 ވަނަ ދުވަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް