މޯދީއާއި ސްޓާމަރ ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިނގިރޭސި ބޮޑުވަޒީރު ކެއަރ ސްޓާމަރ، އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ބައްދަލުކުރައްވައިފިއެވެ.
މިއީ ބޮޑުވަޒީރުކަމުގައި ސްޓާމަރ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސްޓާމަރ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިފަހުގެ ތާރީޚެއްގައި އިނގިރޭސިވިލާތުން އިންޑިއާއަށް ދިޔަ އެންމެ ބޮޑު ވިޔަފާރި ވަފުދުވެސް ދިޔައެވެ. މިވަފުދުގައި 100 އަށްވުރެ ގިނަ ސީ.އީ.އޯ އިންނާއި، ވިޔަފާރިވެރިންނާއި، ޔުނިވަރސިޓީޓަކުގެ ވައިސް ޗާންސެލަރުން ހިމެނެއެވެ.
މިދިޔަ ޖުލައި މަހު މި ދެގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ސްޓާމަރގެ މި ދަތުރުފުޅުގައި މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަސައްކަތްކުރެއްވުން ހިމެނެއެވެ.
ދެ ބޮޑުވަޒީރުންގެ މަޝްވަރާތަކުގައި ޔޫކްރެއިން ހަނގުރާމައާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އިނގިރޭސިވިލާތަކީ ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިން ކުރަމުންދާ ހަނގުރާމައިގައި އެގައުމަށް އެންމެ ބޮޑަށް އެހީވާ އެއް ގައުމެވެ. އަނެއްކޮޅުން ޕުޓިން އަކީ ރަހުމަތްތެރިއެއްކަމަށް މޯދީ ވިދާޅުވެފައިވާއިރު، ރަޝިޔާއިން ވިއްކާ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމަކީ މިހާރު އިންޑިއާއެވެ. އެހެންނަމަވެސް މަޝްވަރާގެ ތެރެއިން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަވަހަށް ނިމުމަކަށް އައުމަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް މޯދީ ވަނީ ކުރިންވެސް ވިދާޅުވެފައެވެ.
ބޮޑުވަޒީރު ސްޓާމަރގެ ދަތުރުފުޅު މޯދީ ސިފަކުރެއްވީ ތާރީޚީ ދަތުރުފުޅެއްގެ ގޮތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް