ވިލަރެއާލްގެ ޒުވާން ފޯވާޑް ނިކޮލަސް ޖެކްސަން
ވިލަރެއާލްގެ ޒުވާން ފޯވާޑް ނިކޮލަސް ޖެކްސަން
ކުޅިވަރު 23 Jun 2023 | 19:37

ނިކޮލަސް ޖެކްސަން ޗެލްސީއާއި ގުޅުމަށް އެއްބަސްވެއްޖެ!

ސެނެގާލް ޒުވާން ފޯވާޑް ނިކޮލަސް ޖެކްސަން ވިލަރެއާލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް ރިލީޒް ފީ ދެއްކުމަށް ފަހު ޗެލްސީ އިން އެކުޅުންތެރިއާގެ ސޮއި ހޯދުމަށް ވިލަރެއާލް އާއެކު އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޖެކްސަންގެ ސޮއި ހޯދުމަށް މިއަހަރުގެ ޖެނުއަރީ މަހު ޕްރެމިއާ ލީގުގެ އޭއެފްސީ ބޯންމައުތުން ވިލަރެއާލް އާއެކު 22.5 މިލިއަން ޕައުންޑުގެ އެއްބަސްވުމެއް ހެދި ނަމަވެސް، އޭނާގެ މެޑިކަލް އިން ފެއިލްވެފައިވާތީ (ހެމްސްޓްރިންގެ މައްސަލަތަކެއް ހުރުމުން) އެޑީލް ވަނީ ކުރިއަށް ނުގެންދެވިފައެވެ. ނަމަވެސް މާޗް މަހު އަނިޔާއިން ރަގަޅުވެ ކުޅުމަށް އެނބުރި އައުމަށް ފަހު، އޭޕްރީލް މަހާއި މެއި މަހުގެ ތެރޭގައި އޭނާ ވަނީ ނުވަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ގެމްބިއާއަށް އުފަން އުމުރުން 22 އަހަރުގެ ޖެކްސަން އަކީ ސެނެގާލްގައި ކުޑައިރުއްސުރެ ދިރިއުޅެމުން އަންނަ ދެ ގައުމުގެ ރައްވެހިކަން އޮންނަ ކުޅުންތެރިއެކެވެ. އެގޮތުން 20 އަހަރުން ދަށުގެ އުމުރުފުރާގައި ސެނެގާލް ތަމްސީލުކުރި އިރު، ފުރަތަމަ ފަހަރަށް އެ ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެކުވެރިކަމުގެ ދެ މެޗަށް ސެނަގާލްގެ މެނޭޖަރު އެލިއު ސިސޭ އެކުލަވާލި ސީނިއަރ ޓީމުގައި  ޖެކްސަން ހިމެނުނު އިރު 2022 ވަނަ އަހަރުގެ ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި 26 ކުޅުންތެރިންގެ ސްކޮޑުން ވެސް އޭނާ ވަނީ ޖާގަ ހޯދާފައެވެ.

ވިޔަރެއާލް އާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ކަށަވަރުކޮށްދީފައިވާ ގޮތުގައި ޗެލްސީން ވަނީ އޭނާގެ ކޮންޓެންޓް ރިލީޒް ފީ ކަމަށްވާ 35 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަގެއް ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް މި ފައިސާ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް ވެސް ދެ ފަރާތުން އެއްބަސްވެފައިވާކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ޗެލްސީގެ އިތުރު އިތުރު ތިން ކްލަބަކުން ނިކޮލަސްގެ ކޮންޓްރެކްޓް ރިލީޒް ކްލޯޒް ޓްރިގަރ ކުރަން ބޭނުންވި ނަމަވެސް އޭނާ ބޭނުންވަނީ ޗެލްސީއަށް ބަދަލުވާށެވެ. އަދި އެކުލަބާއި އެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ތައްޔާރުވެފައިވާއިރު އޭނާ މެޑިކަލް ވަނީ ކުރިއަށް އޮތް ހަފްތާއަށް ޝެޑިއުލްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް