2025 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ރައީސް ޑރ. މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
2025 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ރައީސް ޑރ. މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ވިޔަފާރި 25 Oct 2026 | 15:27

4،000 އަށްވުރެ ގިނަ އުފެއްދުންތަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު މިރޭ ހުޅުވަނީ

4،404 އުފެއްދުންތަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުޅުވިގެންދާނެއެވެ.

ސެންޓްރަލް ޕާކުގެ ބޮޑު ސަރަހައްދެއް މިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާއިރު، އާންމުންނަށް ފަސޭހައިން ބަލައިލެވޭނެގޮތަށް މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް 9 ދުވަހުގެ މުއްދަތަކަށް މި މައުރަޒު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މިއަހަރުގެ މައުރަޒަށް ލިބިފައިވާ ތަރުހީބު ވަރަށް ބޮޑެވެ. އެގޮތުން 780 ފަރާތަކުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. ޖުމްލަ އުފެއްދުންތަކުގެ ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ މަސައްކަތްތެރިން ކަމަށްވާއިރު، މީގެއިތުރުން ވިޔަފާރިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ތައުލީމީ މަރުކަޒުތަކާއި ކުންފުނިތަކުންވެސް ވަނީ ވަރަށް ފުރިހަމައަށް ބައިވެރިވެފައެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ފެންނަނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާގެ 920 އުފެއްދުމެވެ. މީގެއިތުރުން ކާބޯތަކެތި، ފެޝަން، އައިސީޓީ، އަދަބިއްޔާތު، މަސްވެރިކަން އަދި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުންވެސް ގިނަ އަދަދެއްގެ މޮޅެތި އުފެއްދުންތައް ހިމެނެއެވެ.

މި މައުރަޒުގެ ވާދަވެރި ބަޔަށް ލިބުނު ބޮޑު ތަރުހީބާ އެކު، ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޯދި ފަރާތްތަކުގެ އިތުރުން މުޅި މައުރަޒުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" ހިމެނެއެވެ. ޖުމްލަ 134 ބައިވެރިން ވަނަތައް ހާސިލުކޮށްފައިވާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު 76 އެވޯޑު ހޯދައި އެމީހުންގެ ޤާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.

މި މައުރަޒު ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީ، ޑިޖިޓަލް އެންޑް އިނޮވޭޓިވް، މާކެޓްޕްލޭސް އަދި އަލަށް ތައާރަފްކުރި ރަށު ފަތުރުވެރިކަމަށް ހާއްސަ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް ހިމެނެއެވެ. މިއީ ދިވެހި އުފެއްދުންތެރިންނަށް މާކެޓުގައި އައު ފުރުސަތުތައް ހޯދައިދީ، ބޭރުގެ ފަރާތްތަކާ ގުޅިގެން ވިޔަފާރިތައް ބައިނަލްއަޤްވާމީ ފެންވަރަކަށް ފުޅާކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް