އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ޖެހިޖެހިގެން 7 ވަނަ ފަހަރަށް ރާއްޖެ ނޮމިނޭޓް ވެއްޖެ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވާލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ "ވާލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ މަގާމަށް ދިވެހިރާއްޖެ އަނެއްކާވެސް ނޮމިނޭޓްވެއްޖެއެވެ.
މިއީ މި ޝަރަފުވެރި އެވޯޑަށް ރާއްޖެ ނޮމިނޭޓްވި 7 ވަނަ ފަހަރެވެ. އަދި ނޮމިނޭޓްވި 7 ފަހަރުގެ ތެރެއިން ރާއްޖެއިން ވަނީ މި އެވޯޑް މިހާތަނަށް ޖެހިޖެހިގެން 6 ފަހަރު ކާމިޔާބުކޮށްފައެވެ.
މީގެ ކުރިން 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ޖެހިޖެހިގެން 6 އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މިއަހަރުގެ އެވޯޑު ރާއްޖެއަށް ލިބިއްޖެނަމަ، މިއީ މި އެވޯޑު ޖެހިޖެހިގެން ރާއްޖެއިން ކާމިޔާބުކުރާ 7 ވަނަ ފަހަރަށް ވެގެންދާނެއެވެ. މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް ގައުމަކުން ހޯދާނެ ވަރަށް ބޮޑު ތާރީޚީ ކާމިޔާބީއެކެވެ.
ވާލްޑް ޓްރެވަލް އެވޯޑްސްގެ މައި މަންޒިލްގެ އިތުރުންވެސް، ފަތުރުވެރިކަމާ ގުޅޭ ތަފާތު އެކި ދާއިރާތަކުން ރާއްޖެއާއި ރާއްޖޭގެ ރިސޯޓުތަކާއި ކުންފުނިތައް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓްވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަމާއި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ފަތުރުވެރިންނަށް ދެވޭ މަތީ ފެންވަރުގެ ޚިދުމަތްތަކަކީ މި އެވޯޑުތައް ހޯދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ކަންކަމެވެ.
މިއަހަރުގެ އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ. މިގޮތުން ރާއްޖެއަށް ވޯޓުދޭން ބޭނުންވާ ފަރާތްތަކަށް ވާލްޑް ޓްރެވަލް އެވޯޑްސްގެ އޮފިޝަލް ވެބްސައިޓް https://www.worldtravelawards.com/vote މެދުވެރިކޮށް ވޯޓުލެވޭނެއެވެ. ވޯޓުލުމުގެ ކުރިން އެކައުންޓެއް ހަދައި، އީމެއިލް މެދުވެރިކޮށް އެކައުންޓް ވެރިފައިކުރަންޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުމަށާއި، ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ނަން ބްރޭންޑެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އެންމެހައި ދިވެހިންނާއި ރާއްޖެއަށް ސަޕޯޓްކުރާ ފަރާތްތަކުން ވީހާވެސް ގިނައިން ވޯޓުދީ، ރާއްޖެއަށް 7 ވަނަ ފަހަރަށް މި އެވޯޑު ހޯދައިދިނުމަށް ސަރުކާރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިދާރާތަކުން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް