ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި
މޯލްޑިވްސް ކަސްޓަމްސް ސާވިސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދާ މައްސަލަ ބޮޑުވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރެ އާއްމުކޮށްފައިވާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2023 ވަނަ އަހަރުގެ މާލީ ބަޔާނާގުޅޭ އޮޑިޓް ރިޕޯތްގައި ބުނެފައިވަނީ، އެއަހަރު ކަސްޓަމްސް މެދުވެރިކޮށް 2.5 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށެވެ. މިއީ ދައުލަތަށް ލިބުނު ޓެކްސް އާމްދަނީގެ 11 އިންސައްތައެވެ. މި ފައިސާގެ ތެރޭގައި ހިމެނޭ އިމްޕޯޓް ޑިއުޓީއަކީ ދައުލަތަށް އާމްދަނީ ވަންނަ މައިގަނޑު ދާއިރާއެވެ.
އޮޑިޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 461.01 މިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން 160.5 މިލިއަން ރުފިޔާ އަކީ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައި ހުރި ދައުލަތަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ފައިސާ ކަމަށެވެ. އަދި ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާކަމަށްވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. ކަސްޓަމްސްއަށް ނުލިބިވާ ފައިސާގެ ތަފްސީލަށް ބަލާއިރު ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައްވެސް ހިމެނެއެވެ.
ކަސްޓަމްސްއަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައްވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި އިގްތިސާދީ ބޭނުންތަކަށް ވަގުތީގޮތުން މުދާ އިމްޕޯޓުކޮށްފައިވާ ފަރާތްތަކާ މުއާމަލާތްކުރުމުގައި ދަތިތަކެއް ހުރުމާއި، ޝަރީއަތަށް ފޮނުވުމުގައާއި ޝަރުއީ މަރުހަލާގައި ގިނަދުވަސް ވެގެން ދިއުން ހިމެނެއެވެ. އަދި ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ނުކުރެވި ލަސްވަމުން ދިއުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފަސޭހައިން ފައިސާ ދެއްކޭނޭ ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން އެއްފަހަރަކާ ގިނަ އަދަދެއްގ ެފައިސާ ދެއްކުމުގައި ދަތިތަކެއް ހުންނަކަން ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް