މޯލްޑިވްސް އެކްސްޕޯ 2026 ހުޅުވައިފި، ތާރީޚުގައި ބާއްވާ އެންމެ ބޮޑު މައުރަޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިންގެ އީޖާދީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ހިމެނޭހެން، ދިވެހިރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު މައުރަޒު "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާޙުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާޙުކޮށްދެއްވީ މިކަމަށް ޚާއްޞަކޮށްގެން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ނުވަތަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ބައިވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒު މިރޭ ރަސްމީކޮށް އިފްތިތާޙުކުރިއިރު، މިއީ މީގެ ކުރިން ނުބާއްވާ ފަދަ ފުޅާ ދާއިރާއެއްގައި ބާއްވާ މައުރަޒެކެވެ. އެގޮތުން މިދިޔަ އަހަރު މި މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު 430 އަށް ވަނީ އިތުރުވެފައެވެ. މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ އަދަދު 4،400 އަށްވުރެ މައްޗަށް އަރާއިރު، މައުރަޒު ބަހާލެވިފައިވާ ޑިސްޓްރިކްޓްތަކުގެ އަދަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު، 5 އިން 7 އަށް ވަނީ އިތުރުކުރެވިފައެވެ.

މިއަހަރު މައުރަޒުގައި އަލަށް ގާއިމުކޮށްފައިވާ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވިފައިވާ ފަހި ފުރުސަތެކެވެ. މިއަހަރު އަލަށް ގާއިމުކުރެވުނު އިންޓަނޭޝަނަލް ޑިސްޓްރިކްޓުގައި މިވަގުތު ދިވެހިރާއްޖެއިން މިނިވަން ވިޔަފާރީގެ އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ސެންޓްރަލް ޕާކު އެއްކޮށް މައުރަޒަށް ޚާއްޞަކޮށްގެން މިއަހަރު ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްގެންދާނީ މިރެއިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، "މޯލްޑިވްސް އެކްސްޕޯ 2026"ގެ ސްޓޯލްތައް ބައްލަވާލައްވައި ބައިވެރިންނާ ބައްދަލުކޮށްލެއްވުމަށް، އޮކްޓޫބަރު 26 ވާ ހޯމަ އަދި 27 ވާ އަންގާރަ ދުވަހުގެ ރޭވެސް، މައުރަޒު ކުރިއަށްދާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މިއަހަރުގެ މައުރަޒު ކުރިއަށްދަނީ "ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިޢާރުގެ ދަށުންނެވެ. މިދިޔަ އަހަރުގެ މައުރަޒަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއާއި ޢާންމުންގެ ބޮޑު ތަރުޙީބުގެ މައްޗަށް ބިނާކޮށް ބާއްވާ މޯލްޑިވްސް އެކްސްޕޯ 2026 އަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. މި އެކްސްޕޯ ވެފައިވަނީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ސިންދަފާތުކުރެވިފައިވާ އިޤްތިޞާދެއް އޮންނަ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އުންމީދީ ތަޞައްވުރު ޙާޞިލުކުރުމަށް ބޭނުންވާ އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުމުގެ މުހިންމު މަންސައަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް