N/A
N/A
ދީން 26 May 2023 | 08:12

ވާހަކަ: ފާފަ ކުރުމަށް ނަފްސް އިންތިހާއަށް އެދޭކަން ހާމަކުރި މީހަކަށް އިމާމް ދެއްވި ނަސޭހަތް

ސަލަފުއްޞާލިޙުންގެ ޒަމާނުގައި އިމާމް އިބްރާހީމް އަދްހަމް ނަމަކަށް ކިޔާ ޠަބީޢީ ބޭކަލެއް އުޅުއްވިއެވެ. އެކަލޭގެފާނަކީ ޒުހުދުވެރިކަމާއި، ވަރަޢަވެރި ކަމާއި، ތަޤުވާވެރިކަމުން މަޝްހޫރުވެވަޑައިގެންނެވި ބޭކަލެކެވެ.

އެއްދުވަހަކު އެކަލޭގެފާނުގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ.

"އަހަރެންގެ ނަފްސު ފާފަކުރުމަށް އެދި ގޮވަނީއެވެ. އެހެންކަމުން އަހަރެންނަށް ނަސޭހަތެއް ދެއްވާށެވެ."

އެމީހާ އެފަދައިން ވިދާޅުވުމުން އިމާމް އޭނާއަށް ވިދާޅުވީ 5 ކަމެއް ހާސިލް ކުރެއްވުމަށެވެ. އަދި އެ ފަސް ކަންތައް ހާސިލް ކުރެއްވުމަށްފަހު ބޭނުން ވަރަކަށް ފާފަކުރެއްވި ކަމުގައި ވިޔަސް މައްސަލައެއް ނެތް ކަމަށް އިމާމް ވިދާޅުވި އެވެ.

އިމާމް އެފަދައިން ވިދާޅުވުމުން އެމީހާގެ މޫނަށް ހައިރާން ކަމާއި އުފާވެރިކަން ވެރިވެގެންދިޔައެވެ. އަދި އެއީ ކޮން ފަސް ކަމެއްތޯ ދެނެގަތުމުގެ ޝައުގު ހިތުގައި އުފެދިގެން ދިޔައެވެ. އެފަދައިން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެ މީހާ އަކީ ފާފަކުރުމަށް ނަފްސު އިންތިހާއަށް އެދުނު މީހެކެވެ. އަދި އިމާމް އިބްރާހީމް އަދްހަމް ފަދަ ބޭކަލެއްގެ ދުލުން، ފަސް ކަމެއް ހާސިލް ކުރެއްވުމަށްފަހު ފާފަ ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވުމަކީ އޭނާގެ އެ އެދޭ އެދުން ފުއްދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ.

އެހެންކަމުން، އެ ފަސް ކަމަކީ ކޮބައިތޯ ލަސްނުކޮށް އިމާމްގެ އަރިހުން ސުވާލު ކުރެއްވިއެވެ.

"ތިބާ ފާފަކުރަން ބޭނުންވާނަމަ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ނޫން އެހެން މީހެއްގެ ރިޒުގުން ކައިބޮއި އުޅޭށެވެ. އެއަށްފަހު ތިބާ ފާފަ ކުރާށެވެ." ޖަވާބުގައި އިމާމް ވިދާޅުވި އެވެ.

އިމާމް އެފަދައިން ވިދާޅުވުމުން، އެއީ ނުވާނެ ކަމެއް ކަމުގައި އެމީހާ އިމާމަށް ދެންނެވިއެވެ. އެހެނީ، ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗަކަށް ރިޒުގު ދެއްވަނީ الله އެވެ. ވީއިރު އެނޫން އެހެން އެއްވެސް ފަރާތެއްގެ ކިބައިން ރިޒުގު ހޯދާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ އިމާމަށް ދެންނެވިއެވެ.

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ.

އެއަށްފަހުގައި ދެވަނައަށް ކުރަންވީ ކޮންކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި އިމާމް ވިދާޅުވީ ފާފަކުރަން ބޭނުންވާ ނަމަ الله ސުބުޙާނަހޫވަތަޢާލާއަށް ބައްލަވާވޮޑިގެންނުވާނެ ތަނަކަށް ދިޔުމަށްފަހުގައި ފާފަކުރުމަށެވެ. ނަމަވެސް އެއީވެސް ނުކުރެވޭނެ ކަމެއް ކަމުގައި އެމީހާ އިމާމަށް ދެންނެވިއެވެ. އެހެނީ، އެކަލާނގެއީ އަހަރެެމެން ސިއްރުންނާއި ފާޅުގައި ކުރާ ކަންކަން ވެސް ދެނެވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދުވެސް، އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ.

އެއަށްފަހުގައި ތިންވަނައަށް ކުރަންވީ ކޮންކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި އިމާމް ވިދާޅުވީ ފާފަކުރަން ބޭނުންވާ ނަމަ الله ސުބުޙާނަހޫވަތަޢާލާގެ ބިން ދޫކޮށް އެހެން ބިމަކަށް ދިޔުމަށްފަހުގައި ފާފަކުރުމަށެވެ. ނަމަވެސް އެއީވެސް އެއްވެސް ހާލެއްގައި ނުކުރެވޭނެ ކަމެއް ކަމުގައި އެމީހާ އިމާމަށް ދެންނެވިއެވެ. އެހެނީ، އެކަލާނގެ ފިޔަވައި ދެން އެހެން އެއްވެސް ފަރާތެއްގެ ބިމެއް ނުވެއެވެ. މުޅި ކައުނާއި، މިދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއްގެ ވެރިރަސްކަލާނގެ އަކީވެސް اللهއެވެ. އެހެން އެއްވެސް މީހަކަށް އެތަކެތީގެ ހަގީގީ މިލްކިވެރިކަން ލިބިގެން ނުވެއެވެ.

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދު، އަދި އެކަލާނގެ ބިމުގައި އުޅެމުން، އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ.

އެއަށްފަހުގައި ހަތަރުވަނައަށް ކުރަންވީ ކޮންކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

"ތިބާގެ އަރިހަށް މަލަކުލް މައުތުގެފާނު ވަޑައިގެންނެވުމުން އެކަލޭގެފާނު އަރިހުން ދަންނަވާށެވެ. މިވަގުތަކު ނުދެވޭނެއެވެ. އަދި ދިޔުމަށް އިންކާރު ކުރާށެވެ." ޖަވާބުގައި އިމާމް ދެންނެވިއެވެ.

އިމާމް އެފަދައިން ވިދާޅުވުމުން އިންސާނާގެ މަރުގެ ވަގުތު ޖެހުމުން އެކަން ފަހެއް ނުކުރެވޭނެ ކަމަށާ އެ ވަގުތު ޖެހުމުން، ވަގުތުން މަރު ހިއްޕަވާނެ ކަަމަށް އެމީހާ ދެންނެވިއެވެ. ވީއިރު އެފަދައިން ބުނުމަކީ ނުވާނެ ކަމެއް ކަމުގައިވެސް އޭނާ ދެންނެވިއެވެ.

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދު، އަދި އެކަލާނގެ ބިމުގައި އުޅެމުން، އަދި މަރުވުމުން އަމިއްލަ އަށް ދިފާއު ނުވެވޭއިރުގައިވެސް އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ.

އެއަށްފަހުގައި ފަސްވަނައަށް ކުރަންވީ ކޮންކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

"ތިބާ الله އަށް އުރެދޭށެވެ. އެއަށްފަހު ތިބާ މަރުވުމަށްފަހުގައި އަޒާބުގެ މަލާއިކަތް ބޭކަލުން ވަޑައިގެންނެވުމުން، ނުދާނެ ކަމުގައި އެބޭކަލުންގެ އަރިހުގައި ދަންނަވާށެވެ." ޖަވާބުގައި އިމާމް ދެންނެވިއެވެ.

ނަމަވެސް އެއީވެސް ނުވާނެ ކަމެއް ކަމުގައި އޭނާ ދެންނެވިއެވެ.

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދު، އަދި އެކަލާނގެ ބިމުގައި އުޅެމުން، މަރުވުމުން އަމިއްލަ އަށް ދިފާއު ނުވެވޭއިރު، އަދި ގިޔާމަތް ދުވަހު ތިބާ ނަރަކައަށް އެއްލާލެވޭއިރު އެކަމުންވެސް ދިފާއު ނުވެވޭއިރުގައި އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި އެމީހާ ދެންނެވިއެވެ.

"އޭ އިމާމުއެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ."

އެއަށްފަހުގައި އެމީހާ އަކީ ތަގުވާވެރި ޞާލިހު އަޅެއްގެ ގޮތުގައި މީ ކަމުގައި ބުނެވެއެވެ.

(ނިމުނީ)

**************

އަހަރެން އެންމެހާ އިންސާނުންނަކީވެސް ފާފަކުރުމަށް ނަފްސް އެދޭ ބައެކެވެ. އެހެންނަމަވެސް، އެފަދައިން އަހަރެމެންގެ ނަފްސް ގޮވާލާ ހިނދުގައި، މި ފަދައިން ހިތަށް އަރުވާލަންޖެހެއެވެ.

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދު، އަދި އެކަލާނގެ ބިމުގައި އުޅެމުން، މަރުވުމުން އަމިއްލަ އަށް ދިފާއު ނުވެވޭއިރު، އަދި ގިޔާމަތް ދުވަހު ތިބާ ނަރަކައަށް އެއްލާލެވޭއިރު އެކަމުންވެސް ދިފާއު ނުވެވޭއިރުގައި އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟"

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

08 Jun 2026 ވާހަކަ

މަދީނާ ޔުނިވާސިޓީގެ ހޮސްޓެލްގައި އުޅުނު ޖިންނިއެއްގެ ވާހަކަ

މާތް الله ސުބުޙާނަހޫ ވަތަޢާލާ މި ބިންމަތީގައި އިންސާނުންގެ އިތުރުން ޖިންނީންވެސް ވަނީ ޚަލްޤުކުރައްވާފައެވެ. ޖިންނީންނަކީ އުޅޭ އެއްޗެއްކަން ޤުަރުއާނާ ސުންނަތުންވެސް ސާބިތުވެއެވެ. އިންސާނުންގެ ތެރޭގައި ...

ވާހަކަ: ދައްތަގެ ފަހު ވަގުތުކޮޅު
07 Mar 2025 ވާހަކަ

ވާހަކަ: ދައްތަގެ ފަހު ވަގުތުކޮޅު

އޭނާގެ ކޯތާފަތް ވަނީ ހިކި، ވަޅުޖެހިފައެވެ. އަދި ހަންގަނޑު ވަނީ ކަށިތަކާ ތަތްވެ ހިފެހެއްޓިފައެވެ. ނަމަވެސް އެއިން އެއްކަމެއްވެސް އޭނާ ހެޔޮ ޢަމަލު ކުރުމަށް އޮތް ހުރަހަކަށް ނުވިއެވެ. އޭނާ ޤުރުއާން ކިޔަވަ...

ހަގީގީ ވާހަކަ: الله އަށް ވަކީލު ކުރުމުން ހިނދުކޮޅެއްގެ ތެރޭގައި ފަގީރު އާއިލާއެއް ތަނަވަސްވެގެން ދިޔަގޮތް
23 Jun 2023 ހަބަރު

ހަގީގީ ވާހަކަ: الله އަށް ވަކީލު ކުރުމުން ހިނދުކޮޅެއްގެ ތެރޭގައި ފަގީރު އާއިލާއެއް ތަނަވަސްވެގެން ދިޔަގޮތް

އެއްޒަމާނެއްގައި ޙާތިމުލް އަޞަމް ކިޔުނު ވަރަށް ތަގުވާވެރި އަދި ދީންވެރި ބޭފުޅެއް އުޅުއްވިއެވެ. އެކަލޭގެފާނަކީ ދަރިން ގިނަ އެހެން ނަމަވެސް ފަގީރު ބޭފުޅެކެވެ. އެހެންކަމުން، އުމުރުގެ އެ ވީހާތަނަށް އައި އ...

ވާހަކަ: ބާއްޕާއެވެ! الله އަށް ބިރުވެތި ވާށެވެ!
19 May 2023 ހަބަރު

ވާހަކަ: ބާއްޕާއެވެ! الله އަށް ބިރުވެތި ވާށެވެ!

ގަޑިން ރޭގަނޑު ދަންވަރު 1 ޖެހީއެވެ. ރަހުމަތްތެރިންނާއިއެކު ބޭރުގައި މަޖާކޮށް، ވަގުތު ހޭދަކުރުމަށްފަހު ގެއަށް އައިސް އަހަރެން އެނދުމަތީގައި ޖައްސާލީމެވެ. އަރާމުގައި ނިދާލުމުގެ ނިޔަތުގައެވެ. އެހެންނަމަވ...

ޕިއްޒާކިޗަން ކުރު ވާހަކަ: މަންމަ
24 Oct 2022 ވާހަކަ

ޕިއްޒާކިޗަން ކުރު ވާހަކަ: މަންމަ

މަންމައެއްގެ ދަރަޖައަކީ ކިހާ މަތިވެރި ދަރަޖައެއްކަން އިހުސާސްކުރެވެނީ ކިތަން މީހުންނަށް ބާއެެވެ. އެއީ ހަޔާތުގައި ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައި ތިމާއާއި އެކު ބައިވެރިވާ މަދަދުދާރެކެވެ. ދުނިޔެ...

ކުރު ވާހަކަ: ކަށިކުނބުރު ޖަންގަލި
23 Oct 2022 ވާހަކަ

ކުރު ވާހަކަ: ކަށިކުނބުރު ޖަންގަލި

ރަށުން އެންމެ މަތީ ގްރޭޑަކަށް ކިޔެވެން އޮތީ ގްރޭޑު ދިހައަކަށެވެ. ނާޝް އަކީ ވިސްނުން ތޫނުފިލި، ކިޔެވުމަށް މަރުދޭ ކުއްޖެކެވެ. ނާޝްއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ފަސް އަންހެން ދަރީންގެ ތެރެއިން އެނ...