ސްލިޕް ވައިބާ ކުރަން އެންގުން: ބޮޑު ބަހުސަކަށް، އެހެން އެންގޭނެތަ؟
ފިހާރައަކުން، ހޮޓަލަކުން، ރެސްޓޯރަންޓަކުން ނޫނީ އެހެންވެސް ހިދުމަތްދޭ ތަނަކުން ހިދުމަތެއް ހޯދުމަށް ފަހު ފައިސާ ދައްކާއިރު ފައިސާ ޓްރާސްފާކުރުމަށް ފަހު ސްލިޕްކޮޅު ވައިބާ ނުވަތަ ވަޓްސްއެޕް ކުރަން އެންގުމަކީ އާންމު ކަމެކެވެ. ބައެއް ތަންތަނުން އެކަމަށް ވަރަށް ހަރުކަށި އުސޫލެއް އޮވެ އެވެ. ފައިސާ ފޮނުވުމަށް ފަހު އެ ސްލިޕްކޮޅު ވައިބާ ނުވަތަ ވަޓްސްއެޕް ކުރުމުން ނޫނީ މުދާ ދޫނުކުރެ އެވެ. ނުވަތަ އެ ޚިދުމަތެއް ނުދެ އެވެ.
އެއީ އެ ވިޔަފާރިއަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވާން އަޅާފައިވާ ފިޔަވަޅަކަށްވެސް ވެދާނެ އެވެ. ހާއްސަކޮށް ވަގު ސްލިޕް ފޮނުވުމުގެ މައްސަލަތައް ބޮޑުވުމުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ. އެއީ ފަހުން މައްސަލައެއް ދިމާވި ނަމަވެސް އެކަން ކުރި މީހަކު ހޯދާން އެކަމުން ފަސޭހަވާނެތީ އެވެ.
ނަމަވެސް މިއީ އަހަރެމެންގެ ތެރެއިން އެއް ބަޔަކު ވަރަށް ދެކޮޅު ހަދާ ކަމެކެވެ. ތިމާއާ އެއްވެސް ގުޅުމެއް ނެތް ބަޔަކަށް އެ މީހާގެ އަމިއްލަ ނަންބަރުން މެސެޖެއް ކުރުމަކީ އެފަދަ މީހުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެކަމުގައި ބައެއް ސަބަބުތައްވެސް ދައްކަ އެވެ. މިއީ ސްކޭމްގެ ކަންކަން އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެކެވެ. ސްކޭމްގެ އަމަލުތައް ގިނަ ފަހަރަށް ހިންގަނީ އޮޅުވާލުމެއްގެ ތެރެއިން ފޮނުވާ މެސެޖަކުންނެވެ. އެފަދަ މެސެޖެއް ފޮނުވުމަށް އެންމެ ފުރަތަމަ ބޭނުންވަނީ އެ މީހާގެ ނަންބަރެވެ. އެހެންވީމަ އެވަރުގެ ކަމަކަށް މަގުފަހިވާނެ ކަމެއް ކުރަން ބޭނުންނުވަނީ އެވެ.
އޭގެ ބަދަލުގައި އެ މީހުން އެދެނީ ފައިސާ ފޮނުވިކަން އަންގައިދޭ ސްލިޕްކޮޅުގެ ފޮޓޯއެއް ނެގުމަށެވެ. އެކަން ވަރަށް ގިނަ ފިހާރަތަކާއި ރެސްޓޯރަންޓްތަކުން މިހާރު ކުރެ އެވެ. އެކަން މާބޮޑު މައްސަލަ އަކަށްވެސް ނުހަދަ އެވެ.
ނަމަވެސް މިހާރު މި އޮތީ އެކަންވެސް މައްސަލަ އަކަށް ވެފަ އެވެ. އެކަހަލަ ބޮޑު މައްސަލަ މިއޮތީ ފެންމަތިވެފަ އެވެ. ސްލިޕް ވައިބާ ކުރަން އަންގާ އެންގުމާއި ގުޅޭ ބަހުސް ބޮޑުވީ އެކަމާއި ހެދި އެވެ.
ސްލިޕް ވައިބާ ނުކުރުމުން މުދާކޮޅު ނުދިން
ހުޅުމާލޭގައި ހިންގާ މަޝްހޫރު މާޓަކުން މީހަކު ވިޔަފާރި ކުރި އެވެ. ތަކެއްޗަށް އެރީ 1,045 ރުފިޔާ އެވެ. އެ ފައިސާ އެ މީހާ ޓްރާސްފާ ކުރި އެވެ. ނަމަވެސް އަމިއްލަ ނަންބަރުން އެ މާކެޓްގެ ނަންބަރަށް ވައިބާ ކުރަން ދެކޮޅު ހެދި އެވެ. އެދުނީ ޓްރާސްފާ ސްލިޕްގެ ފޮޓޯއެއް ނެގުމަށެވެ.
ނަމަވެސް އެކަމާއި އެތަނުގެ މުވައްޒިފުން ދެކޮޅު ހެދި އެވެ. އެއީ ތަނުގެ މެނޭޖްމަންޓުން މަނާކޮށްފައި އޮންނަ ކަމަކަށްވާތީ އެވެ. އެހެންވީމަ މުދާކޮޅު ހިފެހެއްޓި އެވެ. ސްލިޕް ވައިބާ ކުރުމުން ނޫނީ މުދާ ނުދޭނެ ކަމަށް އެންގި އެވެ. މިއީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިނގި ކަމެކެވެ.
އެ މީހާ މިހާރު ވަނީ އެ މާޓް ހިންގާ ކުންފުންޏަށް ގާނޫނީ ނޯޓިސް ދީފަ އެވެ. މުދާކޮޅު ހަވާލުކުރަން ނުވަތަ އޭނާ ފޮނުވި ފައިސާ ބަރާބަރަށް ރައްދުކޮށް ދިނުމަށެވެ. އެ މައްސަލަ ޝަކުވާއެއްގެ ގޮތުގައި އެ މީހާ މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށްވެސް ހުށައަޅާފަ އެވެ.
މިއީ އެކަމަށް ގޮތްތަކެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމެއްގެ ގޮތުގައި ގިނަަ ބަޔަކު ދެކެ އެވެ. ފޯނު ނަންބަރު ބޭނުންކޮށްގެން އަދި މެސެޖުކޮށްގެން ތަފާތު ސްކޭމްތައް ހިންގާ މިފަދަ ޒަމާނެއްގައި އަމިއްލަ ފޯނު ނަންބަރުން ހުރިހާ ފިހާރަތަކާއި ކެފޭ ހޮޓާތަކަށް ހިއްސާކުރަން ބޭނުންނުވާ މީހުން ތިބެދާނެ އެވެ. އެފަދަ މީހުންނަށް ހިދުމަތް ނުދެވޭނޭ ބުނުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ އެވެ.
ހިދުމަތްދެވޭނެ ކޮންމެވެސް ގޮތެއް އޮންނަން ޖެހެ އެވެ. އެގޮތެއް ކަމާގުޅޭ އިދާރާތަކުން ކަނޑައަޅަން ވެސް ޖެހެ އެވެ. މިހާރު މިއީ އެވަގުތު ކަމުގައި ވެދާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް