ޗެލްސީގެ ޑިފެންޑަރު ޖޭމްސް
ޗެލްސީގެ ޑިފެންޑަރު ޖޭމްސް
ކުޅިވަރު 26 Feb 2023 | 23:14

ޓޮޓެންހަމް އަތުން ބަލިވެ، ޗެލްސީގެ ބަލިވުމުގެ ސިލްސިލާ ކުރިއަށް!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ޓޮޓެންހަމް އާއި ޗެލްސީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކާމިޔާބުކޮށްފި އެވެ.

މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިިން ޗެލްސީ ބަލިވި 6 ވަނަ މެޗެވެ. ތިން މެޗު އެއްވަރުވެފައި ވާއިރު އެޓީ މޮޅުވެފައިވަނީ ޖެނުއަރީމަހުގެ 15 ވަނަ ދުވަހު ލީގުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗުން އެކަންޏެވެ. އަދި މި 10 މެޗުގައި އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ ލަނޑެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޗެލްސީ އިންނެވެ. ނަމަވެސް އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް އިދިކޮޅު ޓީމުގެ ގޯލު ކުރިމަތީގައި އެޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދެއްކޭގޮތް ނުވިއެވެ.

ފުރަތަަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް ދެވަނަ ހާފު ފެށިގެން ފުރަތަަމަ މިނެޓުގައި ޓޮޓެންހަމް އިން ލަނޑެއްޖަހައި މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު އޮލިވަރ ސްކިޕް އެވެ.

ޓޮޓެންހަމްގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. މިއީ މިސީޒަނުގައި މިހާތަނަށް ލީގުގައި އޭނާ ކާމިޔާބުކުރި 18 ވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓޮޓެންހަމް އިން ވަނީ 25 މެޗުން 45 ޕޮއިންޓާއެކު ޕްރިމިއާ ލީގުގައި ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފައެވެ. މިރޭގެ މެޗުން ބަލިވި ޗެލްސީ އަށް 24 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު ލީގު ތާވަލުގައި އެޓީމު އޮތީ 10 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް