ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އަންނަ ޖެނުއަރީމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ބުނީ ނޫސްމަޖައްލާތަން ރީ ރަޖިސްޓްރީކުރަން ދިން މުއްދަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. މި ބަދަލާ ގުޅިގެން، ނޫސްތައް ރީ ރަޖިސްޓްރީކުރަން ދިން މުހުލަތު ހަމަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގެރޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކުރިން މި ފުރުސަތު ހަމަވާން އޮތީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް، މީޑިއާ ކޮމިޝަނުން ނިންމާފައިވަނީ ސުންގަޑި އިތުރުކޮށް، 2027 ޖަނަވަރީ 28 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމަށެވެ. ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ، އައު ޤަވާއިދުގެ ދަށުން ބާތިލުވެގެންދާނެ ކަމަށް ވަނީ އަންގާފައެވެ.
ރާއްޖޭގައި ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކަށް ބަލާއިރު، މީގެ ކުރިން މި މަސްއޫލިއްޔަތު އޮންނަނީ އެއިރެއްގެ ކަމާބެހޭ ވަކި ވުޒާރާއެއްގައެވެ. ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނު އުފެދުމާއެކު، މި މަސައްކަތްތައް ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ މިހާރު ހަވާލުކޮށްފައިވަނީ އެމްއެމްބީސީއާއެވެ.
މި ޤަވާއިދުގެ ދަށުން ނޫސް މަޖައްލާތައް 4 ގިންތިއަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ނޫސް، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލް ހިމެނެއެވެ. އަދި މިފަދަ ތަކެތި ޕްރިންޓް މީޑިއާ، ވެބްސައިޓް، ސޯޝަލް މީޑީއާ، އެޕްލިކޭޝަން އަދި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށްވެސް މި ފުރުސަތު ލިބިގެންދާއިރު، ވަކި މުވައްޒަފުންތަކަކަށް ހާއްސަކޮށް ހަދާ ކުދި މަޖައްލާތައް މި ކަމުން އިސްތިސްނާވެއެވެ.
އައު ޤަވާއިދުގެ ދަށުން ދޫކުރާ ރަޖިސްޓްރީއެއްގެ މުއްދަތަކީ 5 އަހަރެވެ. އަދި މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅަންޖެހޭއިރު، ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަސް ވެއްޖެނަމަ އެތަނެއްގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް