ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިލާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމި، މިމަހުގެ ތެރޭގައި ވިލިމާލެއިން ގުލީފަޅަށް ގުޅުވާލެވޭނޭކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ތިލަމާލެ ބްރިޖް މަޝްރޫޢުގެ މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި، ބްރިޖުގެ ޑެކް އެޅުމަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން %98.53 ސެގްމަންޓް ވަނީ ގުޅީފަޅުގައި ޤާއިމުކޮށްފައިވާ ބްރިޖު ސައިޓުގައި ކާސްޓުކޮށް ނިންމާފައިކަމަށް ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން ތަނބުތައް ގުޅުވައިލުމަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ %88 މަސައްކަތްވެސް ވަނީ ނިމިފައެވެ.
މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ފަހު ސެގްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބިނާރާބެހޭ ވުޒާރާއިން ލަފާކުރައްވާ ގޮތުގައި، މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައި، ވިލިމާލެއާއި ގުޅީފަޅު ދެމެދު ގުޅާލެވޭނެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫޢަކީ ޖުމުލަ 6.7 ކިލޯމީޓަރުގެ ދިގު ސަރަޙައްދެއްގައި ކުރިއަށްދާ މަސައްކަތެކެވެ. މީގެތެރޭގައި ކަނޑު ހުރަސްކޮށް ހަދާ 3 ބްރިޖާއި، ގުޅާލާ ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ. ވިލިމާލެއިން ގުޅީފަޅަށް ހިމެނޭ ބްރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބްރިޖެކެވެ. މީގެ އިތުރުން ގުޅީފަޅުން ތިލަފުއްޓަށް ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހު، ގާތްގަނޑަކަށް 600 މީޓަރުގެ ބްރިޖަކުންނެވެ.
ބްރިޖު ގޮސް ރަށްރަށާ ގުޅޭ ހައިވޭއާއި މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. ގުޅީފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖު ގުޅޭ ސަރަޙައްދު ހިމާޔަތްކުރުމަށް ޖަހާ ރިވެޓްމަންޓު ޖެހުމުގެ މަސައްކަތެވެ.
މި މަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް މުޅިން ނިންމާލުމަށް ސަރުކާރުން ވަނީ ބުނެފައެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމުލަ 500 މިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް