އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި
އިސްލާމިކް މިނިސްޓަރު ޝަހީމާއި ޒެންޒިބާރުގެ ވަފުދެއްގެ މެދުގައި އިސްލާމީ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައެވެ.
އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްކޮށް ހުންނަވައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ޒިޔާރަތްކުރެއްވި ޒެންޒިބާރުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ވަފުދުގެ ތެރޭގައި ޒެންޒިބާރު ޓްރެޝަރީ ސުކޫކް އެސްޕީވީ، އިޙްސާން ތަކާފުލް އެންޑް ފައިނޭންޝަލް ސަރވިސަސް އަދި ޒެންޒިބާރު އިކޮނޮމިކް އެމްޕަވަރމަންޓް އޭޖެންސީގެ ޗެއަރމަން ސީޕީއޭ ޖުމާ ޢާމިރު މުޙައްމަދުގެ އިތުރުން ޒެޑްއައިސީ ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަން އަދި ވަޤުފް އެންޑް ޓްރަސްޓް ކޮމިޝަންގެ ބޯޑު މެންބަރު ޑޮކްޓަރ ޢަބްދުﷲ ޢުއްސީ ޙަމަދާއި، ޒެޑް.އައި.ސީ ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޑޮކްޓަރ ރަޖަބް ޢުމަރު ރަޖަބު ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ވުޒާރާގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ވަޒީރު ޑރ. ޝަހީމްގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމާއި، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑުގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ޔާމީން އިދުރީސް އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް އިމްތިތާޢު ޢައްބާސް ބައިވެރިވެވަޑައިގަތެވެ.
ބައްދަލުވުން ފައްޓަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، ރާއްޖެއަށާއި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއަށް ޒިޔާރަތްކުރެއްވި ޒެންޒިބާރުގެ ވަފުދުގެ ބޭފުޅުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ދެޤައުމުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ވަފުދުން ދެއްވި އިސްކަމާއި ދެއްކެވި ޝައުޤުވެރިކަމަށްޓަކައި ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެފަރާތުގެ މެދުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ އިސްލާމީ އިޤްތިޞާދީ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ. އެގޮތުން އިސްލާމިކް ފައިނޭންސްގެ ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމާއި، ޒަކާތުގެ ނިޒާމު އިދާރީގޮތުން ހަރުދަނާކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ވަޤުފް އިންވެސްޓްމަންޓް އުޞޫލުތައް ތަރައްޤީކޮށް އިސްލާމީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް