ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި
ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި އެވެ.
މި މަޝްރޫޢު އިފްތިތާޙްކޮށް ޢިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ ސަރުކާރަށް 156 ހަފްތާ ފުރުން ފާހަގަ ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށެވެ. މިއީ ވަޤްފުގެ ދާއިރާ ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.

15 ބުރީގެ މި އިމާރާތުގައި އޮފީސް ބަޔާއި، ކޮމާޝިއަލް އޭރިއާތަކާއި، ހޯލްއާއި، މީޓިންގ ރޫމްތަކާއި، ލައިބްރަރީގެ އިތުރުން ރެސްޓޯރެންޓު ފަދަ ތަންތަން ހިމެނޭނެއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ މުޅި އިމާރާތުން ނަފާ ލިބޭނެ ގޮތަށެވެ.
މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާއިރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާއިން އަންނަނީ މިހާރު ކުރަމުންނެވެ.

މި މަޝްރޫޢުގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު ދެ ވަޤްފު ޢިމާރާތެއްގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެއީ ދާރުލްއަރްޤަމްއާއި ދާރުއްސަލާމް ވަޤްފު މަޝްރޫޢުއެވެ. މި މަޝްރޫއުތައް ނިމުމުން ދަޢުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދާ ވަރަށް ވުޒާރާއަށް ނަފާ ލިބޭނެކަމަށް އަންދާޒާ ކުރެވެއެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް