ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނީޓަރުތަކުން ދައްކާފިއެވެ.
މި ވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 102 ގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑަށް ވައި ނުސާފުކަމަށް ދައްކަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ހދ. ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ 170 ގައި ހުރިއިރު، ށ. ފުނަދޫގައި މި އަދަދު ހުރީ 162 ގައެވެ.
އުތުރުގެ ރަށްތަކާ ޚިލާފަށް މެދު ރާއްޖެތެރޭގެ ރަށްރަށުގައި ވައިގެ ކޮލިޓީ އެވްރެޖުކޮށް ހުރީ 50 އާއި 75 ދެމެދުގައެވެ. އަދި ދެކުނުގެ ރަށްރަށުގެ ވައިގެ ފެންވަރު ރަނގަޅުކަމަށް ދައްކާފައިވަނީ 50 އިން ދަށުގައެވެ.
އެއާ ކޮލިޓީ އިންޑެކްސްގެ މިންގަނޑުތަކަށް ބަލާއިރު، 50 އިން މަތީގައި ހުރުމަކީ މޮޑަރޭޓް ލެވެލްއެއް ކަމުގައި ވިޔަސް، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތެކެވެ. އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެނަމަ ޞިއްޙީގޮތުން ހިރާސް ބޮޑު މީހުންނަށް ނުރައްކާ ބޮޑުވާނެއެވެ. އަދި 150 އަށް ވުރެ މަތިވާ ހާލަތްތަކުގައި އެންމެންނަށްވެސް ނުރައްކާ ބޮޑުވާނެއެވެ.
ރާއްޖޭގެ ޖައްވު މިފަދަގޮތަކަށް ނުސާފުވަނީ އާންމުކޮށް އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަގޮތުން، އިންޑިއާ ބައެއް ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. މި ނުސާފު ވައިގައި ހިރަފުހާއި ކާރުހާނާތަކުގެ ދުމުގެ އިތުރުން، ދަނޑުވެރިކަމުގެ ކުނި އެންދުމާއި، ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި ހިމެނެއެވެ.
އަދި ކުރިއަށް އަންނަ ޑިސެމްބަރު މަހު އިރުވައި މޫސުން ފެށުމާއެކު މި ނުސާފު ވައިގެ އަސަރު ރާއްޖެއަށް އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް