ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ކުޅިވަރު 28 Jan 2023 | 07:13

މޮރީނިއޯ ބޭނުންވަނީ ޗެލްސީ އާއިއެކު ކުރީގެ ކާމިޔާބީތައް ތަކުރާރުކުރަން!

ރޯމާގެ މާލީ ހާލަތުދަށްވެ ބޭނުންވާ ކުޅުންތެރިން ހޯދައިދިނުމުގައި ދަތިތަކެއްހުރުމުގެ ސަބަބުން އެކަމާއި މާޔޫސްވެފައިހުރި ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ އަންނަ ސީޒަނުގައި އެނބުރި އިންގްލެންޑަށް ދާން ބޭނުވާކަން ހާމަކޮށްފިއެވެ.

ޕްރެމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުގެ އިތުރުން ޗެލްސީ އާއި އެކު ދެ ފަހަރެއްގެ މަތިން ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ މޮރިނިއޯ ބޭނުންވަނީ އަލުން ޗެލްސީއާއި ހަވާލުވެ ކުރީގެ ކާމިޔާބީތައް ތަކުރާރު ކުރުމަށެވެ. ނަމަވެސް ޗެލްސީގެ މިހާރުގެ ވެރިން ބޭނުންވަނީ އެޓީމުގެ މިހާރުގެ ކޯޗު ގްރަހަމް ޕޮޓާއަށް އިތުރު ވަގުތު ދިނުމަށެވެ.

ހޯސޭ މޮރީނިއޯ ޗެލްސީގެ ކެޕްޓަން ޓެރީ އަދި ލަމްޕާޑް އާއި އެކު 

މޮރީނިއޯ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ޝައުގުވެރިވާކަން ހާމަކޮށްފައިވާކަމަށް އިގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ރިޕޯޓްކޮއްފައިވާއިރު، މޮރީނިއޯގެ އަންހެނުންނާއި ދަރިން އަދިވެސް ދިރިއުޅެނީ ލަންޑަނުގައި ކަމަށާއި އޭނާ އަބަދުވެސް އިސްކަން ދެނީ އެހެން ތަނަކަށް ވުރެ ޕްރިމިއާ ލީގުގައި މަސައްކަތް ކުރުމަށްކަމަށް މޮރީނިއޯއާއި ހަވާލާދީ ރިޕޯޓުކޮއްފައިވެއެވެ.

މި ސީޒނުގައި ޗެލްސީ އިން ނެރެމުން އަންނަ ދަށް ނަތީއްޖާތަކުގެ ސަބަބުން ކުލަބުގެ ސަޕޯޓަރުންގެ އިތުބާރު މިހާރުގެ ކޯޗު ޕޮޓާއަށް ގެއްލިފައިވާއިރު ދާދި ފަހުން އެޓީމުގެ ކޯޗަކަށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީ ޒިދާން ގެންނަން އުޅޭކަމަށް ވެސް އިގިރޭސި މީޑިއާތަކުން ރިޕޯޓުކުރިއެވެ.

މިދިޔަ ސީޒަނުގައި ރޯމާ އާއިއެކު ޔޫރޮޕާ ކޮންފަރެންސް ލީގު މޮރީނިއޯ ކާމިޔާބުކޮށްފައިވާއިރު، އެ ޓީމު މިވަގުތު އޮތީ ސެރީއޭގެ ފަސް ވަނައިގަ އެވެ. އަދި މިވަގުތު ޕްރެމިއާ ލީގުގައި ދަށް ނަތިއްޖާތަކެއް ނެރެމުން އަންނަ ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސްގެ މަގާމް ގެއްލޭނެކަމަށް ބެލެވޭއިރު، ޕްރެމިއާ ލީގުން މިވަގުތު އެންމެ އަވަހަށް ފުރުސަތު ލިބެން އޮތީ ވެސްޓް ހޭމް އިންނެވެ. ނަމަވެސް މޮރީނިއޯ މި ސީޒަނުގެ މެދުތެރޭގައި ރޯމާ ދޫކޮށްނުލާނެ ކަމަށް ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް