ޕެޑްރީ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޕެޑްރީ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު 29 Jan 2023 | 02:45

ރަށުން ބޭރުގައި ޖިރޯނާ އަތުން ބާސެލޯނާއަށް އުދަގޫމޮޅެއް!

ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި ޖިރޯނާ އާއި ވާދަކޮށް 1-0 ން މޮޅުވެ ބާސެލޯނާ އިން ލީގުތާވަލުގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ސަސްޕެންޑްޝަންގެ ސަަބަބުން ރޭގެ މެޗުގައި ބާސާގެ ޓޮޕް ސްކޯރާ ރޮބަޓް ލެވަންޑޯސްކީ ރޭގެމެޗުގައި ކުޅެފައި ނުވާއިރު، ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އެޓީމުގެ ފުރާންސް ފޯވާޑް އުސްމާނޭ ޑެމްބެލޭ އަށް އަނިޔާވެގެން ވަނީ ބަދަލުކުރަންޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ގިނައިރު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ޖެރޯނާގެ ގޯލަށް އާމަޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ދެ ހަމަލާއެވެ.

ޑެމްބެލޭ އަށް އަނިޔާވެގެން ބަދަލުކުރަނީ

ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުތެރޭގައި ބާސެލޯނާގެ ކޯޗުގެ އިތުރުން އެޓީމުގެ އަންސޫ ފާޓީ އަދި ޕެޑްރީއަށް ރެފްރީ ރީނދޫކާޑު ދައްކާފައިވާއިރު މިހާފުގެ ކުޅުން ނިމުނީ 0-0 ގެ ނަތީއްޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ބާސެލޯނާ އިން ފެށީ ބަދަލަކާއި އެކުގައެވެ. ޑިފެންޑަރ އަލޮންސޯގެ ބަދަލުގައި ތަޖުރިބާކާރު ޑިފެންޑަރ ޖޯޑީ އަލަބާ ކުޅެން ނުކުތްއިރު، މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި އަލަބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޒުވާން މިޑްފީލްޑަރ ޕެޑްރީއެވެ. މި މެޗަކީ އުމުރުން 20 އަހަރުގެ ޕެޑްރީ ބާސާގެ ސީނިއާ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. އަދި މިއީ މި ސީޒަންގެ ލީގުގައި ޕެޑްރީ ޖެހި ފަސްވަނަ ލަނޑެވެ.

ބާސެލޯނާގެ ލަނޑަށްފަހު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ޖިރޯނާގެ ސްޕެއިން ޑިފެންޑަރ އަރްނައު މާޓިނޭޒް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިނެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 1-0 ގެ ނަތީއްޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 18 މެޗުން ބާސެލޯނާއަށް ވަނީ 47 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. މި މެޗުން ބަލިވި ޖެރޯނާއަށް 19 މެޗު ކުޅެގެން ލިބުނު 21 ޕޮއިންޓާއި އެކު އެޓީމު އޮތީ ތާވަލުގެ 12 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް