ޔާނިކް ކަރަސްކޯ ބެލްޖިއަމްގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހު އުފާފާޅުކުރަނީ
ޔާނިކް ކަރަސްކޯ ބެލްޖިއަމްގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 29 Mar 2023 | 01:18

69 އަހަރު ފަހުން ބެލްޖިއަމް އިން ފުރަތަަމަ ފަހަރަށް ޖަރުމަނު ބަލިކޮށްފި!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި މިރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ބެލްޖިއަމް އިން ޖަރުމަނު ބަލިކޮށްފިއެވެ.

މިރޭގެ މެޗާއި އެކު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޖަރުމަނު ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 13 މެޗަށް ފަހު ނިމުމަކަށް އައިސްފައިވާ އިރު، މިއީ މިހާތަނަށް މިދެޓީމު 26 ފަހަރެއްގެ މަތިން ވާދަކޮށްފައި ވާއިރު 1954 ގެ ފަހުން ޖަރުމަނުގެ މައްޗަށް ބެލްޖިއަމްއަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަަމަ ނުވަ މިނެޓު ތެރޭގައި ބެލްޖިއަމް އިން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. މި ގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔާނިކް ކަރަސްކޯ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބެލްޖިއަމްގެ ދެވަަނަ ލަނޑު ފުރަތަަމަ ހާފުގެ ނުވަވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ލުކާކޫ އެވެ. ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުގެ ފޯވާޑް ނިކޮލަސް ފުލްކްރޫގް ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފަރަގު ކުޑަކޮށްދިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފްގައި ޖަރުމަނުން ރަގަޅަށް ކުޅެމުން އަންނަނިކޮށް ބެލްޖިއަމް އިން މިހާފުގައި އުފެއްދި ހަމައެކަނި ހަމަލާގައި 78 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ޖަރުމަނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަޔާން މިއުނިކްގެ ފޯވާޑް ސާޖް ގްނަބްރީއެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރ ކެވިން ޝޭޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވެގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް