އުމްރާ ގައިޑް-
އުމްރާ ގައިޑް-
ދީން 29 Nov 2026 | 08:33

ޢުމްރާއަށް ދާން ތައްޔާރުވަނީތަ؟ މިއީ ފުރުމުގެ ކުރިން ޢުމްރާގެ އަޅުކަން ”ތަޖުރިބާކޮށްލެވޭނެ“ ގޮތެއް

ޢުމްރާގެ މަތިވެރި އަޅުކަމަށް ތައްޔާރުވުމަކީ، ޚާއްޞަކޮށް އަލަށް މި ދަތުރު ކުރާ މީހަކަށް، ނުހަނު އުފާވެރި ހަމައެހެންމެ ބޮޑު ޒިންމާއެކެވެ. މި މާތް ދަތުރަށް ފުރިހަމައަށް ތައްޔާރުވެ، ޢުމްރާގެ ރުކުންތަކާއި ވާޖިބުތައް ރަނގަޅަށް ދަސްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން "ޙަރަމައިން އިންފޯ" އިން މިހާރު ވަނީ އިންޓަރއެކްޓިވް 3D ގައިޑެއް ތަޢާރަފުކޮށްފައެވެ. މި ގައިޑުގެ ސަބަބުން މައްކާއަށް ދިއުމުގެ ކުރިން، ވާޗުއަލްކޮށް ޢުމްރާގެ އެކި މަރުޙަލާތައް އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދެއެވެ.

އިންޓަނެޓް ބްރައުޒަރ މެދުވެރިކޮށް ބޭނުންކުރެވޭ މި ޕްލެޓްފޯމަކީ އެއްވެސް އެޕްލިކޭޝަނެއް ޑައުންލޯޑް ކުރަން ނުޖެހި، ކޮމްޕިއުޓަރ، ސްމާޓްފޯން އަދި ޓެބްލެޓްތަކުން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ވަސީލަތެކެވެ. އާދައިގެ ވީޑިއޯތަކާ ޚިލާފަށް، މި އިންޓަރއެކްޓިވް ޕްލެޓްފޯމުގައި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ވަގުތެއް ނަގައިގެން، ފިޔަވަޅަކުން ފިޔަވަޅަކަށް ދެމުންދާ އިރުޝާދުތައް ބަލަމުން، އުމްރާގެ އަޅުކަންތައް ކުރިއަށްގެންދާނެ ގޮތް ދަސްކުރެވޭނެއެވެ.

މި ގައިޑުގެ އެހީގައި ޠަވާފު ފަށާނެ ތަނާއި، ޙަޖަރުލް އަސްވަދާ އަރާހަމަވުމުން ކިޔާނެ ދުޢާތަކާއި، އަދި ޢުމްރާގެ އެކި އަޅުކަންތައް އެންމެ ރަނގަޅު ގޮތުގައި އަދާކުރާނެ ގޮތް ތަފްޞީލުކޮށް ދަސްކޮށްދެއެވެ.

މި ގައިޑުގައި ޢުމްރާގެ މައިގަނޑު ހުރިހާ މަރުޙަލާއެއް ފުރިހަމައަށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި:

އިޙްރާމް ބަނުން

ކަޢުބަތުﷲ ގެ ވަށައިގެން ޠަވާފުކުރުން

ޠަވާފުގެ ދެ ރަކުޢަތް ނަމާދު ކުރުން

ޒަމްޒަމް ފެން ބުއިން

ޞަފާ އަދި މަރްވާ ދެމެދު ސަޢުޔުކުރުން

ބޯބޭލުން ނުވަތަ އިސްތަށިގަނޑުން ބައެއް ކޮށާލުން އަދި އިޙްރާމް ކަނޑާލުން

މީގެ އިތުރުން، މި ޕްލެޓްފޯމުގައި ކިޔަންޖެހޭ ދުޢާތަކާއި އޭގެ މާނަ، ޞައްޙަ ޙަދީޘްތައް އަދި މަސްޖިދުލް ޙަރާމްގެ އަސްލު އަޑުތައް (ރެކޯޑިންގްތައް) ހިމަނާފައިވުމުން، މިއީ ހަޤީޤަތާ ވަރަށް އެއްގޮތް، ތަޖުރިބާއަކަށް ވެގެންދެއެވެ.

މި އިންޓަރއެކްޓިވް ގައިޑަކީ އަލަށް ޢުމްރާއަށް ދާ މީހުންގެ އިތުރުން، ކުރިން ގޮސްފައިވާ މީހުންނަށްވެސް މަޢުލޫމާތު އައުކޮށްލުމަށް ލިބޭ ވަރަށް އަގުހުރި އެހީއެކެވެ. މި ވަސީލަތުގެ ސަބަބުން ޙަރަމްފުޅުގެ މާޙައުލަށް އަހުލުވެރިވެ، ޢުމްރާގެ އަޅުކަންތައް ރަނގަޅަށް ފަހުމުވެހުރެ އަދާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޢުމްރާއަށް ދިއުމަށް ގަސްތުކުރާ ހުރިހާ ފަރާތްތަކަށްވެސް މި 3D ގައިޑް https://guide.haramain.com އިން ބަލާލެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް