މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް މާދަމާ ބާއްވަނީ
4 ވަނަ މޯލްޑިވްސް – އީޔޫ ޕޮލިސީ ޑައިލޮގް މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ޑައިލޮގްގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދެމެދު ހުޅުވާލެވިފައިވާ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކޮށް، އެކި ދާއިރާތަކުން ދެ ފަރާތުގެ މެދުގައި ޚިޔާލު ބަދަލުކުރުމެވެ.
މިއަހަރުގެ ޕޮލިސީ ޑައިލޮގްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އިސްކަންދެއްވާ އެކިއެކި ދާއިރާތަކުން ޔޫރަޕިއަން ޔޫނިއަންއާއިއެކު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަަމަޖެހިފައެވެ.
މިއަހަރުގެ ޑައިލޮގްގައި މަޝްވަރާކުރެވޭނެ މައިގަނޑު ދާއިރާތަކަކީ ތަރައްޤީގެ ދާއިރާގައި އެއްބާރުލުން ދިނުން، ޑިމޮކްރަސީ، ގަވަރނަންސް، އިންސާނީ ހައްޤުތައް، މޫސުމީ ބަދަލުތައް އަދި ސަލާމަތީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމެވެ.
ޕޮލިސީ ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާ އީޔޫ ވަފުދުގެ އިސްބޭފުޅަކަށް ހުންނަވާނީ އީޔޫއަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުން ލައި މާރގް އެވެ. އީޔޫގެ ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖަރމަނީ، ނެދަލެންޑްސް، އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ސްވިޑްން، ޕޮލެންޑް، ރޮމޭނިއާ، އިޓަލީ އަދި ޔުނައިޓެޑް ކިންގްޑަމްއިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަންތަކުގެ ހެޑް އޮފް މިޝަންސް ނުވަތަ ޑެޕިއުޓީ ހެޑް އޮފް މިޝަންސްއެވެ.
ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފައިނޭންސް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޓުއަރިޒަމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓަރ އޮފް އެންވާރަމެންޓް އަދި މިނިސްޓަރ އޮފް ހޯމްގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސް ބޭފުޅުން ދިވެހި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް