ފަތުރުވެރިކަމުން ލިބޭ އާމްދަނީ 1.1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ- ރައީސް ޞާލިހް
ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު އިތުރުވުމާ ގުޅިގެން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ފަތުރުވެރިކަމުން ލިބުނު އާމްދަނީ، 1.1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންގެ މެދުގައި މިހާރު ވަނީ ރާއްޖެއާމެދު އިތުބާރާއި ޔަޤީންކަން އުފެދިފައި ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް، މި އަހަރުގެ ޖަނނަވަރީން ފެށިގެން މިއަދާ ހަމައަށް، ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައި އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
" އޭގެ ތެރެއިން 23 އިންވެސްޓްމެންޓަކަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާއިރު، 17 އިންވެސްޓްމެންޓެއް މިހާރު ވާނީ ރަޖިސްޓްރީ ކޮށްދީފައި. އަދި މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ 13 ޤައުމަކުން ރާއްޖޭގައި އިންވެސްޓް ކޮށްފި. މިއީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޞުލްޙަޔާއި ހަމަޖެހުން ޤާއިމުވުމުގެ ނަތީޖާ"
ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ތަރައްޤީ ކުރުމުގެ ބުރަ އުފުއްލަވާ ހުރިހާ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވާ ކަމަށެވެ.
"ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި، ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ، ވަރަށް މަތީ މަޤާމެއް ޙާޞިލުކޮށްފައި. އެކަމުގެ ހުރިހާ ފަޚުރަކާއި ޝަރަފެއްގެ ޙައްޤުވެރީންނަކީ، މި ޞިނާޢަތު ކޮޅަށް ޖެހުމުގައި، އެކި މަރުޙަލާތަކުގައި މަސައްކަތްކުރި ހުނަރުވެރި ދިވެހިން. ޖަޒީރާވަންތަ ފަތުރުވެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވަނީ، އަޅުގަނޑުމެން ދިވެހީންގެ އަމިއްލަ އުފެއްދުމެއް" ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް