ރިސޯޓް ލީގު 2023: ފަސޭހަކަމާއި އެކު ވަރުގަދަ ސަންގެލި ބަލިކޮށް ރީތިރަށް ސެމީ ފައިނަލަށް!
ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިއަދުގެ ހަވީރު 4-0 ގެ ނަތީޖާއަކުން ސަންގެލި ބަލިކޮށް ރީތިރަށުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
ސަންގެލި ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ރީތިރަށް ކުއާޓާ ފައިނަލުގެ ފުރުސަތު ލިބުނީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ރީތިރަށުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ހާފުގައި އެޓީމުން ތިން ލަނޑުގެ ލީޑެއް ހޯދިއެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު 07 ވަނަ މިނެޓުގައި މުހައްމަދު ނާފިއު ކާމިޔާބުކޮށްދިން އިރު އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަމްހާން އަބްދުއް ރަހުމާން އެވެ. އަދި އޭގެ ދެމިނެޓު ފަހުން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނާހިދުއެވެ.

ދެވަނަ ހާފުގައި ސަންގެލިން އެޓީމުގެ ކުޅުން ރަގަޅުކުރި ނަމަވެސް މިހާފުގައި ވެސް އެޓީމަށް ރީތިރަށުގެ ގޯލު ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. ނަމަވެސް މިހާފުގައި އެޓީމުގެ ފަރާތުން ރަގަޅު ދިފާއީ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ރީތިރަށުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ނަބީލް އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ރީތިރަށުގެ ސަމްހާން އަބްދުއް ރަހުމާން އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް