ހާލަންޑް މާސާ ޓޮޕް 100 އެވޯޑާއެކު
ހާލަންޑް މާސާ ޓޮޕް 100 އެވޯޑާއެކު
ކުޅިވަރު 30 Jun 2023 | 11:52

މެސީ ފަހަތަށް ޖައްސާލުމަށްފަހު މާސާ ޓޮޕް 100 އެވޯޑް ހާލަންޑް ހޯދައިފި!

ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ މާސާ އިން ހޮވާ އަހަރުގެ އެންމެ މޮޅު 100 ކުޅުންތެރިންގެ ތެރެއިން މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް ގޮވައިފިއެވެ.

މިދިޔައަހަރު މުޅިން އަލަށް ތައާރަފްކުރި މިއެވޯޑް އެންމެ ފުރަތަަމަ ހޯދީ ކަރީމް ބެންޒީމާ އެވެ. މި އެވޯޑަކީ ކުރީގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ފުޓްބޯޅައިގެ ނުފޫޒުގަދަ ފަރާތްތަކާއި އެކު 115 ނޫސްވެރިންގެ ވޯޓުން ދެވޭ އެވޯޑެކެވެ. އަދި މި އެވޯޑަށް މާސްގެ ވެބްސައިޓް މެދުވެރިކޮށް 10,000 އަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވެއެވެ.

މިއަހަރުގެ އެވޯޑް ހާލަންޑް އަށް ލިބުނީ 5631 ވޯޓާއި އެކުގައެވެ. މި ލިސްޓުގެ ދެވަނަ ލިބުނީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށެވެ. މެސީ އަށް ލިބިފައިވަނީ 4952 ވޯޓެވެ. އަދި ތިންވަނަ ލިބުނު ވިނީޝިއަސް ޖޫނިއަރ އަށް ލިބިފައިވަނީ 4932 ވޯޓެވެ. ވިނީޝިއަސް އަކީ މިދިޔައަހަރު ވެސް މިއެވޯޑަށް ވާދަކުރި ކުޅުންތެރިއެކެވެ.

މެންޗެސްޓާ ސިޓީއާއެކު ކުޅުނު ފުރަތަމަ ސީޒަނުގައި ހާލަންޑް ވަނީ އެކުލަބާއެކު ތިން ތަށި އުފުލާލައި، މިދިޔަ ސީޒަނުގައި އެކުލަބަށް ކުޅެދިން 53 މެޗުގައި 9 އެސިސްޓުގެ އިތުރުން 52 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޕްރެމިއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމާއި، ޗެންޕިްއަންސް ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޔޫރަޕުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް މިދިޔަ ސީޒަނުގައި ގިނަ ރެކޯޑުތަކެއް ހެދި ހާލަންޑް އެވެ.

ހާލަންޑް އާއި މި އެވޯޑަށް އެންމެ ވާދަކުރި ކުޅުންތެރިއަކީ އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން އެޓީމުގެ ކެޕްޓަން މެސީ އެވެ. މެސީ ވަނީ ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދުމުގެ އިތުރުން ވޯލްޑްކަޕްގައި ގިނަ ރެކޯޑުތަކެއް ހަދާފައެވެ. އޭގެ ތެރޭގައި ފަސް ވޯލްޑްކަޕެއްގައި އެސިސްޓުކުރި ހަމައެކަނި ކުޅުންތެރިއާގެ އިތުރުން އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ފަހުކޮޅު ދިނުމަށް ހަމަޖެހިފައިވާ ބެލެންޑޯ އެވޯޑަށް ވެސް ވާދަކުރާނެކަމަށް ބެލެވެނީ މިދެކުޅުންތެރިންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް