ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދިގަލި މޯލްޑިވްސް ސެމީ ފައިނަލަށް
ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ރާ ޒޯނުގެ ގްރޫޕް ބީގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި ދިގަލި މޯލްޑިވްސް އާއި ކޮތައިފަރުގެ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ ޖާގަ ދިގަލި މޯލްޑިވްސް އިން ކަށަވަރުކޮށްފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ދިގަލި މޯލްޑިވްސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ މުހައްމަދު އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮތައިފަރުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ.

މިލަނޑު ފުރަތަމަ ހާފުގެ ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އީމާން އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ދެވަނަ ފަހަރަށް ދިގަލި މޯލްޑިވްސް އިން ލީޑު ހޯދީ ދެވަނަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަލީ މުހައްމަދު އެވެ.

ކޮތައިފަރުން މި މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ގުސައްޔު އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކޮތައިފަރުގެ ހުސެއިން އިރުފާހް އެވެ.
މުބާރާތުގައި ދިގަލި މޯލްޑިވްސް އިން ކުޅުނު ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ފާރުފުށި އަތުން މޮޅުވެފައި ވާއިރު، މި މެޗު އެއްވަރު ވުމުން އެޓީމަށް ގުރޫޕްގެ އެއްވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކުގައެވެ. މި ގުރޫޕްގެ ދެވަނަ ލިބުނީ ފާރުފުއްޓަށެވެ. އެޓީމަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ގުރޫޕްގެ ފުލަށް ދިޔައީ ދެ މެޗުން އެއް ޕޮއިންޓާއެކު ކޮތައިފަރު އެވެ.
ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ރާ ޒޯނުގައި މިއަހަރު 7 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޒޯނުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޖޯލި މޯލްޑިވްސް ގައެވެ. އަދި މި މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ގްރޫޕް އޭގައި ހަތަރު ޓީމު އަދި އަދި ގުރޫޕް ބީގައި ތިން ޓީމު ހިމެނޭއިރު، ގުރޫޕް އޭގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން ގްރޫޕް ބީގެ އެއްވަނަ ޓީމަށް މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ލިބިގެންދާއިރު، ސެމީ ފައިނަލުގެ ހަތަރުވަނަ ޖާގަ ލިބިގެންދާނީ ގްރޫޕް ބީގެ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ޕްލޭއޮފް މެޗެއް ކުޅުމަށްފަހު އެމެޗުން މޮޅުވާ ޓީމަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް