ދިވެހިރާއްޖޭގައި އަލުން އިސްލާމް ދީނަށް ދައުވަތުދޭން ނުޖެހޭ: ރައީސް ނަޝީދު
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށާއި، މި ރާއްޖޭގައި ދެން އިސްލާމްދީނަށް ދައުވަތު ދޭން ނުޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގަމުގެ ތުނޑީއަަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށާއި އިސްލާމްދީނުގެ ދައުވަތުގެ މަތީގައި ތިބޭތާ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަަމަށެވެ. އަދި އެކަމަށް އެހެން ފަރާާތަކުން އައިސް އަލުން އެމަނިކުފާާނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިހެން ވިދާޅުވެ، އެމަނިކުފާނު ވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އިޔާޒަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވާފައެވެ.
"ދަންނަވަންތޯ އަޅުގަނޑަކީ ގ.ކެނެރީގޭ މުހައްމަދު ނަޝީދު ކިޔާ މީހެއް. އަޅުގަނޑުގެ ބައްޕައަކީ ކެނެރީ އަބްދުއްސައްތާރު. ހެންވޭރު ކަޅުބޭ އަބްދުލް ލަތީފުގެ ދަރިއެއް އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަޅުގަނޑު މިހިރީ އިސްލާމްދީން މަތީގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާާނު އިތުރަށް ވަނީ މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށާއި މިތަނުގައި ދައުވަތު ދޭނެ އެހެން ފަރާާތެއް ނެތްކަމަށެވެ. އަދި އެންމެން ޞާލިހު ގޮތުގައި އިސްލާާމް ދީނަށް އުޅުމުގެ ސަބަބުން ރާއްޖެ ބިނާވަމުން ދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް