މޯދީއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތް އަރުވަނީ
ދިވެހި ދައުލަތުން މިހާރު ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭގޮތުގައި މި ޢިއްޒަތް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުން އޮންނާނީ، އެމަނިކުފާނު ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މި ޢިއްޒަތް އެރުވުމަށް ނިންމެވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ޤައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، މީގެކުރިން ބޭރުގެ ބައެއް ޢިއްޒަތްތެރިންނަށް ވަނީ އަރުވާފައެވެ.
އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އަރލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ. މީގެއިތުރުން 2 ޑިސެންބަރު 2009 ގައި ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހަށް މި ޢިއްޒަތް އަރުވާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް