ނާޒިމްގެ ބަޔާން: ދައުލަތް ލޫޓުވާލީ ރައީސް ޔާމީނުއަށް ހުރިހާ ހަގީގަތެއް އެނގި، ވާގިވެރިވާ ހާލުގައި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ބަޔާނެއް ނެރުއްވައިފިއެވެ.
ޓްވިޓާ މެދުވެރިކުރައްވާ ނާޒިމް މިއަދު ނެރުއްވި ބަޔާނުގައި ވަރަށް ތަފްސީލް ގޮތަކަށް ފުރަތަމަ އެމައްސަލައިގައި ރައީސް އޮފީހުގައި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތައް ބަޔާންކޮށްފައިވެއެވެ.
އެގޮތުން އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަހުމަދު އަދީބު އެކި ތަންތަނުންނާއި މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން ގެންދަވާ ކަމާއި އެކަން ރައީސްއަށް އެނގިވަޑައިގަންނަވާތޯ އެމަނިކުފާނާ ސުވާލު ކުރެއްވި ކަމަށެވެ. އަދި އެ ފައިސާ ރައީސް ޔާމީންއަށް ބަރާބަރަށް ހަމައަށް ލިބިވަޑައިގަންނަވާތޯ ވެސް ނާޒިމް ރައީސް އަރިހުގައި ސުވާލު ކުރެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޖަވާބުގައި ރައީސް ޔާމީން އެފައިސާ ލިބޭ ކަމަށާއި ފައިސާ ކަލެކްޓް ކުރަން ފޮނުވަނީ އަދީބު ކަމުގައި ރައީސް ވިދާޅުވިކަމަށްވެއެވެ.
ނަމަވެސް އަސްލު އެދުވަހު ރައީސް ޔާމިން އާ ބައްދަލު ކުރީ ރައީސް ޔާމީންއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން އަދީބު، 77.1 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށާއި އެފައިސާގެ ތެރެއިން ބައެއް، ނުވަތަ ޖުމްލަ 77.1 މިލިއަން ރުފިޔާ، ރައީސް ޔާމީންއަށް ލިބިވަޑައިގަތްތޯ ސުވާލުކުރެއްވިކަމަށެވެ.
ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވާ ވިދާޅުވީ އެމްޕީއެލް އާއި ގުޅުންހުރި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި %100 ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން އެކަން އެގޮތައް ނުކުރެވޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިކަމަށް ބަޔާންގައިވެއެވެ.
"ރައީސް އެކަން އިންކާރު ކުރެއްވުމުން 'ފައިސާ ލިބޭނެ ގޮތް ހަމަޖައްސާ، އަދި އެ ފައިސާ ހަމަޖެހުމުން އަދީބު ފޮނުއްވާކަމަށާއި އަދީބު ކަލެކްޓްކުރާ ހުރިހާ ފައިސާއެއް ޔާމީނުއަށް ލިބޭ ކަމަށް ހަމަދެންމެ ވިދާޅުތީމު ނޫންތޯ' އަޅުގަނޑު ދެންނެވިން، އަޅުގަނޑު މިފަދައިން ދެންނެވުމުން ރައީސް ޔާމީނުގެ މޫނުފުޅުގެ ކުލަވަރު ބަދަލުވެ، އެމަނިކުފާނު ވިދާޅުވި ބަސް ދިފާއުކުރައްވަން ފެއްޓެވި، މިގޮތުން ވަރަށް ދިފާއީ ރާގެއްގައި، '%100 ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން އަބަދު ފައިސާ ނަގާނީ ކިހިނެތް؟ އެކަމެއް ނުކުރެވޭނެއެއްނު' މިހެން ވިދާޅުވެ، އަޅުގަނޑު ދެއްކި ވާހަކަތަކަށް ސާފު ޖަވާބެއް ނުދެއްވާ، އެކަމަކު ހިތްހަމަނުޖެހުމާއެކު އެ ވާހަކަ ދިފާއުކުރައްވަން ފެއްޓެވި،" ނާޒިމްގެ ބަޔާނުގައިވެ އެވެ.
އަދި އެމްޕީއެލްގެ މި މުއާމަލާތައް ބާރުދޭ ހެކިތައް ކަމަށްވާ ޕޭމަންޓް ވައުޗަރާއި، އެމްއެމްޕީއާރުސީގެ ޗެކްތަކުގެ ކޮޕީ އާއި، އެމްޕީއެލް ބޯޑު ރިޒޮލިއުޝަންގެ ކޮޕީ ފަދަ އެކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކުގެ ކޮޕީ އޭރު ނާޒިމް ބޭނުންކުރާ އޮފީހުގެ މޭޒުމަތީގައި އޮތް ސިޓީއުރައެއްގެ ތެރޭގައި ހުންނާނެކަމުގައި ރައީސް އަރިހުގައި ދެންނެވިންކަމުގައިވެއެވެ.
ނަޒިމް އަކީ އޭރު މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަމަށް ވާތީ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން އެފަދަ މައުލޫމާތުތައް ލިބޭ ކަމަށް ރައީސް ޔާމީނަށް ދެންނެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަދި އެނބުރި މަޖިލީހުގެ އިދާރާއަށް ގޮސް އެ ސިޓީ އުރަ ރައީސް ޔާމީނު އަތްޕުޅަށް ފޮނުއްވައި ދެއްވާނެ ކަމަށް ވެސް ނާޒިމް ރައީސް ޔާމީންއަށް ދެންނެވި ކަމަށް ބަޔާނުގައި ވެއެވެ.
"އަޅުގަނޑު މިފަދަ ސާބިތުކަމާއެކު ދެންނެވުމުން އެހެންވިއްޔާ ތިކަން ހިނގާފައިވާ ގޮތް ކިޔައިދޭށޭ ރައީސް ޔާމީނު ވިދާޅުވި، ރައީސް ޔާމީނު މިގޮތަށް އެދިވަޑައިގަތުމުން، އަޅުގަނޑު ވަރަށް ސާފުކޮށް މިކަން ހިނގާ ގޮތް ދެންނެވިން،" ނާޒިމް ވިދާޅުވި އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ އިން ކުރިއަށް ތާރީހު ޖަހާފައިވާ ޑޮލަރު ޗެކު ދިނުމަށްފަހު އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އަދީބު ހޯއްދަވާ، އެފައިސާ އަދީބު ގެ ގާތް އަދި އަމިއްލަ މަސްލަހަތު އޮތް ފަރާތްތަކެއްގެ ބޭންކު އެކައުންޓްތަކަށް ޖަމާކުރަމުންދާ ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ކެމްޕޭނަށް ހަރަދުކުރި ވިޔަފާރިވެރިއެއްގެ އެކައުންޓަށް އެ ފައިސާގެ ތެރެއިން 2.5 މިލިއަން ޑޮލަރު އެމްޕީއެލްއިން ފައިސާ ނެގިތާ ތިން ދުވަސްތެރޭގައި ޖަމާވެފައިވާ ކަމަށް ނާޒިމް ރައީސް ޔާމީންއަށް ދެންނެވި އެވެ.
އެ ވިޔަފާރިވެރިއަކީ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުގެ ޑޭޓަޑްޗެކު ނެގުމަށްފަހު، 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ރައީސް ޔާމީނު ބޭނުންވި ފައިސާ ދިން ފަރާތްކަމުން، އެ ފަދައިން އަދީބު އަމަލުކުރަމުން ގެންދާ ގެންދިޔުމުން ދޭހަވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރައީސް ޔާމީނުގެ ކެމްޕޭނުގެ ދަރަނިތައް މިހާރު ހަލާސްކުރަމުން ދަނީ ސީދާ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަން ހާމަ ވާނެ ކަމަށާއި ބޮޑު ހިޔާނާތް މިހާރުން މިހާރަށް ހުއްޓުވާދެއްވުމަށް ރައީސް ޔާމީނު އަރިހުގައި އެދިވަޑައިގަތް ކަމަށް ވެސް ނާޒިމް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ނާޒިމް ވިދާޅުވީ 2014 އެޕްރީލް 28 ވަނަ ދުވަހު، އޭނާ ރައީސް ޔާމީން އަރިހުގައި އެ ވާހަކަތައް ދެންނެވި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މިންވަރަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ. އަދި ފަސް މިލިއަން ޑޮލަރުން ފެށިފައި އޮތް ހިޔާނާތެއް، 18 މަސްފަހުން މުޅި ގައުމަށް ހާމަވެގެންދިޔައިރު 80 މިލިއަން ޑޮލަރަށްވުރެ މަތިވެ، އެމްއެމްޕީއާރުސީގެ ތެރެއިން މުޅި ދައުލަތް ލޫޓުވާލީ ސީދާ ރައީސް ޔާމީނުއަށް އެކަމުގެ ހުރިހާ ހަގީގަތްތަކެއް އެނގިހާމަވެ، އެކަމަށް ވާގިވެރިވާ ހާލުގައި ހުންނަވައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި 25 އަހަރަށް ބަންދު ކުރުމަށް އޭނާއަށް ހުކުމެއް އިއްވީ ވެސް ފަރުދީ ޒިންމާ އަދާކޮށް އެ ވާހަކަތައް ވިދާޅުވުމުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އެ ވާހަކަތައް އޭރުގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމްއަށް ތަފްސީލުކޮށް ދަންނަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތަކުގެ ކޮޕީ އޭނާއާ ހަވާލުކޮށް އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިވަޑައިގަތް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"މި މައްސަލަ ތަހުގީގު ކުރަން ފެށިކަން ރައީސް ޔާމީނުއަށް ހަމަ އެ ދުވަހުގެ މެންދުރުފަހު އެނގިވަޑައިގަތުމުން، އަޅުގަނޑަށް މެސެޖެއް ކުރެއްވި، އެ މެސެޖުގައި އޮތީ ނާޒިމް ދެންނެވި މައްސަލަ އޮޑިޓް އޮފީހުން ބަލަން ފަށައިފި، ދެން އޮޑިޓް އޮފީހުން ބުނަނީ ކީކޭތޯ ބަލަމާ، މިފަދައިން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ މައްޗަށް ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވީ ނަމަވެސް އޭނާ ބޭސްފަރުވާއަށް ފުރާވަޑައިގަތް ގޮތަށް މިހާރު އުޅުއްވަނީ އިނގިރޭސިވިލާތުގެ ސޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ.




މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް