ވީއައިއޭގެ ކުރީގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކުރީގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އެމްއޭސީއެލުން ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. ޗައިނާގެ ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ލުއޯ ވޭއި އެވެ.
ވީއައިއޭގެ އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު، ކުރީގެ ބައު ރަންވޭ ބޭނުންކުރުން އެއްކޮށް ހުއްޓާލާފައިވަނީ، 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން ބައު ރަންވޭ ބޭނުންކުރަމުން އައިސްފައިވަނީ ޓެކްސީ ވޭއެއްގެ ގޮތުގައެވެ.
ބައު ރަންވޭ މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ބައު ރަންވޭ މަރާމާތުކުރުމުގެ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި، މިހާރު އޮންނަގޮތުން ބޭނުންކުރަމުންދާ ރަންވޭއަށް ކަމެއް ދިމާވެއްޖެ ނަމަ ބޯޓު ޖެއްސުމަށް އިތުރު ރަންވޭއެއް ނޯންނަކަމަށެވެ.

މިއީ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ އަސަރުކުރާނޭ ކަމެއްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ބައު ރަންވޭ މަރާމާތުކޮށް ބޯޑު ޖެއްސޭގޮތަށް އޮތުމުން އެކަމުގެ މަންފާ ކުރާނޭ ކަމަށެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބައު ރަންވޭ މަރާމާތުގެ މަސައްކަތް މުޅިން ނިންމާލުމަށް ތާވަލްކޮށްފައިވަނީ 2027 ވަނައަހަރަށެވެ. މިއީ ދިގުމިނުގައި 3200 މީޓަރު ހުންނަ ރަންވޭއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް