މޮނާކޯގެ ކޯޗަކަށް ތިއެރީ އޮންރީ ހަމަޖައްސައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުކަން ކުރަމުން ދިޔަ އޮންރީ މޮނާކޯގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.
ފްރާންސްއަށް ނިސްބަތްވާ 41 އަހަރުގެ އޮންރީގެ ފުޓްބޯޅަ ކުޅުމުގެ ކެރިއަރު ފަށާފައިވަނީ މޮނާކޯއިންނެވެ. އަދި އެޓީމަށް 1997 ގަ ލީގު ހޯދަ ދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މޮނާކޯގެ ކޯޗަކަށް ހުރި ލިއޮނާޑޯ ޖާޑިމް މަގާމުން ވަކިކޮށްފައިވަނީ މިސީޒަނުގައި އެޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވި ލީގު ތާވަލުގެ ފުލުން ތިން ވަނައިގަ މޮނާކޯ އޮތުމުގެ ސަބަބުންނެވެ.
އޮންރީ ބުނެފައިވަނީ އޭނާގެ ކޯޗިންގ ކެރިއަރ މޮނާކޯއިން ފަށަން ލިބުމަކީ ތަގްދީރު ދިމާ ކުރިގޮތް ކަމަށެވެ.

އާސެނަލް، ޔުވެންޓަސް، ބާސެލޯނާ އަދި ނިއު ޔޯކް ރެޑް ބުލްސްއަށް ވެސް ކުޅެދީފައިވާ އޮންރީ އިތުރަށް ބުނި ގޮތުގައި މޮނާކޯ އަކީ އަބަދުވެސް އޭނާގެ ހިތާއި ވަރަށް ގާތް ކުލަބެއް ކަމަށެވެ. އަދި މަސައްކަތް ފެށުމަށް ކެތްމަދުވެފައި ހުރި ކަމަށްވެސް އޭނާ ބުންޏެވެ.
އާސެނަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަގާމު އޮތް އޮންރީ މޮނާކޯގެ ކޯޗުކަމާ ހަވާލުވެ ހުރެ ފުރަތަމަ ނުކުންނާނީ ލީގުގައި ސްރަސްބޯގާއި އިދިކޮޅަށް މިމަހުގެ 20 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް