މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ވިޔަފާރިތަކުން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަނީ
ދިވެހިރާއްޖެއާއި ބޭރުގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ވިޔަަފާރިތަކުން އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ރޭ ބަނޑޮސް އައިލެންޑް ރިސޯޓްގައި އޮތް ކްލިކް ކޮލެޖްގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ބޭރުގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ދިވެހިންނަށް ރަނގަޅު ފެންވަރެއްގެ މަތީ ތައުލީމަށް ވާސިލްވުމަށްޓަކައި، އެފަރާތްތަކަށް ޚަަރަދުކުރާނެ އިތުރު ގޮތްތަކެއް ހޯދަން ޖެހޭކަމަށެވެ. އެގޮތުން އެއް ގޮތަކީ ވިޔަފާރިތަކުގެ ފަރާތުން، ތައުލީމް ހާސިލްކުރަން އެދޭ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މިފަދަ ކަމެއް ވަރަށް އަވަަހަށް ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވަނީ ރޭ އިއުލާންކުރައްވާފައެވެ.
މީގެ ސަބަބުން ވިޔަފާރިތަކަށާއި، ސަރުކާރަށާއި ވަކިން ޚާއްސަކޮށް މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ޑރ.ހަސަން ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ހިލޭ މަތީ ތައުލީމް ދިނުން ފެށިގެން ދިއުމާއި އެކު ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ވަޒަންކުރުމަކީ މުހިންމު ކަމަކަށް ވެފައިވާ ކަމަށެވެ. އެކަމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ފަދަ ރެގިއުލޭޓަރީ އިދާރާތައް ހަރުދަނާކުރުމަށް މި ސަރުކާރުން އިސްކަން ދޭނެކަމަށް ރޭ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް