ކާނަލް ނާޒިމްއާއި މެންބަރު ނާޒިމްގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އަދި ދިއްގަރު ދާާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް ޖަލަށްލުމަށް ކޮށްފައިވާ ހުކުމްތައް ތަންފީޒުކުރުން ވަގުތީ ގޮތުން މަޑު ޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
މިގޮތަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ މި ދެބޭފުޅުންގެ ފަރާތުން ހުކުމް މުރާޖައާކުރުމަށް އެދި ވަކި ވަކިން ހުށައެޅި މައްސަލައިގައި، ދާދި ދެންމެއަކު ސުޕްރީމް ކޯޓުން ނެރުނު ހުކުމެއްގައެވެ.
މި ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކަށް ބަލާލާއިރު ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ކުރިން އަދާކުރެެއްވި އަހުމަދު ނާާޒިމްގެ މައްޗަށް އައިސްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެކެވެ.
މި ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް މުރާޖައާކުރުމަށް އެބޭފުޅުންގެ ފަރާތުން އަމިއްލައަށް ހުށައެޅުއްވި މައްސަލައިގައި ވަގުތީ ހުކުމެއް ކުރަމުން ސުޕްރީމް ކޯޓުން ބުނެފައިވަނީ ދެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށެވެ. އަދި އެ ހުކުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް އެއްވެސް ފިޔަވަޅެއް ނާޅަން އަމުރުކުރާ ކަމަށް ސުޕްރީމް ކޯޓުން ވަކިވަކިން ނެރުނު ދެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
މި ދެ އަމުރު ނެރުނު އިރުވެސް ދެބޭފުޅުން ތިއްބެވީ ރާއްޖެއިން ބޭރުގައިކަން ފާހަގަކޮށްލެވެއެވެ. ސުޕްރީމް ކޯޓުން ވަނީ ގިނަ ސިޔާސީ ފަރާތްތަކެއްގެ ހުކުމްތައް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް