ކުރީގެ ރައީސެއްގެ އޮފީސް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ހުޅުވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ. މިއީ ރާއްޖޭގެ ވެެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ އޮފީހެއް އަތޮޅު ތެރޭގައި ހުޅުވި ފުރަތަމަ ފަހަރެވެ.
މިއަދު ހެނދުނު މި އޮފީސް ހުޅުވާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައެވެ. މި އޮފީސް ހުޅުވައިދެއްވާފައިވަނީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި އޮފީސް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި އޮފީހުގައި ބޮޑަށް ކުރެވޭނީ ތިމާވެއްޓާއި ގުޅޭ މަސައްކަތްތައް ކަމަށެވެ. މިގޮތުން ޚާއްޞަކޮށް އިއާދަ ކުރަނިވި ހަކަތައާއި ދެމެހެއްޓެވި ގޮތަކަށް ކުރެވޭ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން ކުރެވޭނެ ގޮތްތަކުގެ އިތުރުން ބަނދަރު ހެދުމާއި އެއްގަމު ތޮށި ލުމުގައި ވެސް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުންފަދަ މަސައްކަތްތައްވެސް ކުރެވޭނެކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތައް ކުރެވޭނީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި ގުޅިގެންކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފައިވަނީ އިއްޔެ ހަވީރެވެ. އައްޑޫ ސިޓީއިން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް