ހަރުކަށި މީހުންނާއި ޖަރީމާތައް ހިންގާ ހުރިހާ މުޖުރިމުން ތިބީ އެމްޑީޕީގައި: ނަޝީދު
ރާއްޖޭގައި އުޅޭ ހަރުކަށި މީހުންނާއި ޖަރީމާތައް ހިންގާ ހުރިހާ މުޖުރިމުން ތިބީ އެމްޑީޕީގައި ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، މަޖިލީހަށް ހުށަހެޅުމުން އެރިޕޯޓަށް ބަހުސްކުރައްވައި ވާހަކަދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މީހުންނަކީ ސަލަފުގެ މީހުން ނޫން ކަމަށާއި އެބައި މީހުން ނިސްބަތްވަނީ އެމްޑީޕީއަށް ކަމަށެވެ. 13 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނި ކުރިކަމަށް ބުނާ މީހާވެސް ނިސްބަތްވަނީ އެމްޑީޕީއަށް ކަމަށާއި އެމީހާއަކީ އެމްޑީޕީގެ މުޒާހަރާތަކުގައި ކުރީ ސަފުގައި އުޅޭ މީހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މަރުގެ ރިޕޯޓާއި ގުޅިގެން ކަމަށްބުނެ ސަލަފު ޖަމުއިއްޔާއަށް ފިޔަވަޅު އަޅަނީ ސަރުކާރުން ލާދީނީ އެމްޑީއެން އުވާލުމަށް ނިންމުމާއި ިގުޅިގެން އެކަން ހަޖަމު ނުވެގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހުރިހާ ކަމެއް ކުރުވަނީ މަޖިލީހުގެ ތެރެއިން މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން ކަމަށެވެ.
'' އަފްރާޝީމު މަރާލި ދެމީހުންް މެދުއިރުމައްޗަށް ފުރައިފިއޭ ބުނި މީހާވެސް ހުރީ އެމްޑީޕީގައި. އެމައްސަލަވެސް ބަލަންޖެހޭނެ. ކޮން ސަލަފެއް ކިޔާކަށް، މިއުޅެނީ ލާދީނީ އެމްޑީއެންއަށް ފިޔަވަޅުއަޅަން ނިންމީމައި އެކަން ހަޖަމު ނުވެގެން ސަލަފު އުވާލަން. ދީނީ މީހުންގެ އަޑުކަނޑުވައިލަން. މިކަން މަޖިލީހުގެ ރައީސަކަށް އިންނަވާ ބޭފުޅާއަށް ހަޖަމު ނުވަނީ. ލާދީނީ ބަޔަކު އަޑީގައި ތިބެގެން އެކަންތައްތައް މިކުރަނީ. މިކަންތައްތަކާ މިގުޅުވަނީ ޑރ. ޝަހީމާއި ސަލަފުގެ ރައީސާއި ދީނީ އިލްމުވެރިން.'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ލާދީނީ މީހުންގެ އެޖެންޑާ ފެތުރޭނީ ފުރަތަމަ ދީނީ އިލްމުވެރިންގެ އަޑުކަނޑުވައިލައިގެން ކަމަށްވާތީ އެކަން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މެންބަރު ނަޝީދުގެ އެވާހަކަތަކަށް ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ބިން ގާސިމް ވަނީ ތާއީދުކުރައްވައި އެއީ ވަރަށް ބޮޑު ތެދެއްކަމަށް ވިދާޅުވެފައެވެ.
ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓާއި ގުޅިގެން އެއްވެސް ފަރާތަކަށް ދައުވާކުރެވެން ނެތް ކަމަށާއި އަދި ފިޔަވަޅު އެޅެންވެސް ނެތް ކަމަށް މަރުކޮމިޝަނުންނާއި ޕީޖީ އޮފީހާއި ފުލުހުން ބުނެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ޑރ. ޝަހީމާއި ސަލަފު ޖަމުއިއްޔާއަށް ފިޔަވަޅު އަޅަން ފާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް