ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅޭ 111މައްސަލައެއް މެއިމަހުގައި ހުށައެޅުނު!
ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ބެހޭ ތަފާތު 111މައްސަލައެއް މިދިޔަ މެއިމަހުގައި ހުށައެޅުނުކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މޭ 2019ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 212 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 111 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައިވާކަން އެ މިނިސްޓްރީން ހާމަކުރެއެެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި މިއީ މޭ މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 52 އިންސައްތައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައާއި ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. އެ ގޮތުން ޖިންސީ ހާނީއްކައިގެ 34 މައްސަލަ އަދި ޖިސްމާނީ ހާނީއްކައިގެ 34 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ހަމަ އެހެންމެ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 42 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 15 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް