އީކުއަލް އާތް މެޕާއިން ކުރިންގެ މެޕް
އީކުއަލް އާތް މެޕާއިން ކުރިންގެ މެޕް
ދުނިޔެ 04 Sep 2026 | 13:35

އެފްރިކާގެ އަސްލު ބޮޑުމިން ދައްކައިދޭ ގޮތަށް ދުނިޔޭގެ ޗާޓަށް ބަދަލުގެންނަން އދ. ގެ ޢާންމު މަޖިލީހުގައި ވޯޓަށް އަހަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޒަމާނުއްސުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އައި "މާކޭޓާ" ޗާޓުގެ ބަދަލުގައި، ދުނިޔޭގެ ބައްރުތަކުގެ އަސްލު ބޮޑުމިން ސައްޙަކޮށް ދައްކުވައިދޭ ޗާޓެއް ރަސްމީކޮށް ބޭނުންކުރުމަށް ގޮވައިލާ ތާރީޚީ ޤަރާރަކަށް އދ. ގެ ޢާންމު މަޖިލީހުގައި މިއަދު ވޯޓަށް އެހުމަށް ނިންމައިފިއެވެ.

މި ޤަރާރު އދ. އަށް ހުށަހެޅުމުގައި އިސްކޮށް އުޅޭ ޓޯގޯގެ ޚާރިޖީ ވަޒީރު ރޮބަރޓް ޑޫސީ ވިދާޅުވީ، ސައިންޓިފިކް ހެކިތައް ފެންނަން ހުރުމުން ޙަޤީޤަތް ބަލައިގަތުމަކީ ކޮންމެ ބައެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އދ. ގެ މިފަދަ ޤަރާރުތަކަކީ ޤާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމު އެއްޗަކަށް ނުވި ނަމަވެސް، މި ޤަރާރު ފާސްވެއްޖެނަމަ ދުނިޔޭގެ ސްކޫލް މަންހަޖުތަކަށާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗާޓުތައް ބޭނުންކުރާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

މިހާރު ބޭނުންކުރާ ޗާޓަކީ މީގެ ގަރުނުތަކެއް ކުރިން، 1569 ވަނަ އަހަރު ފްލެމިޝް ޗާޓު ކުރެހުންތެރިޔާ ޖެރާޑަސް މާކޭޓާ ފަރުމާކުރި ޗާޓެކެވެ. އެ ޗާޓުގައި ދުނިޔޭގެ އީކުއޭޓަރާ ކައިރީގައިވާ ސަރަހައްދުތައް ދައްކުވައިދީފައިވަނީ އެ ތަންތަނުގެ ޙަޤީޤީ ބޮޑުމިނަށް ވުރެ މާ ކުޑަކޮށެވެ. މިސާލަކަށް، އެފްރިކާ ބައްރާއި ގްރީންލެންޑް އެއް ސައިޒެއްގައި ދައްކާފައިވީ ނަމަވެސް، ޙަޤީޤަތުގައި އެފްރިކާ އަކީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލެންޑަށް ވުރެ 14 ގުނަ ބޮޑު ބައްރެކެވެ. މި މައްސަލައިގައި ޗޭންޖް.އޯގް ގައި ކުރިއަށްދާ ޕެޓިޝަނުގައި ބުނެފައިވަނީ، އެމެރިކާ، ޗައިނާ، އިންޑިއާ، ޖަޕާން، މެކްސިކޯ އަދި ޔޫރަޕުގެ ބޮޑު ބައި އެފްރިކާ ބައްރުގެ ތެރެއަށް ފައްތައިލުމުން ވެސް އަދިވެސް އިތުރަށް ބިން ބާކީވާނެ ކަމަށެވެ. މި ޕެޓިޝަނުގައި މިހާތަނަށް 11,000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ އޮގަސްޓް މަހު އެފްރިކަން ޔޫނިއަނުން ވަނީ މި ކެމްޕެއިނަށް ތާއީދުކޮށް، މި ޤަރާރު އދ. އަށް ހުށަހެޅުމުގެ ޒިންމާ ޓޯގޯއާ ހަވާލުކޮށްފައެވެ.

ތާރީޚު ޢިލްމުވެރިންނާއި ޖިއޮގްރަފީ ދިރާސާކުރާ ފަރާތްތަކުން ޒަމާނުއްސުރެ ބުނަމުން އަންނަނީ މާކޭޓާ ޗާޓަކީ ހުޅަނގުގެ އިސްތިޢުމާރީ ވިސްނުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށެވެ. "ކާޓޮގްރެފިކް ކޮލޯނިއަލިޒަމް" ގެ ނަން ދީފައިވާ މި މައްސަލައިގެ ސަބަބުން ދުނިޔޭގެ ދެކުނު ބިތުގެ ޤައުމުތައް ކުޑަކޮށް ދައްކައި، ބައިނަލްއަޤުވާމީ ވިޔަފާރިއާއި ތަރައްޤީގެ އެޖެންޑާތަކާއި ތަޢުލީމީ ނިޒާމުގައި ވެސް ބޮޑެތި ތަފާތުކުރުންތަކެއް އުފައްދާފައިވާ ކަމަށް ފާޑުކިޔުންތެރިން ފާހަގަކުރެއެވެ. ލަންޑަނުގައި ހުންނަ ޖީއެސް ހެލްޑް ކުންފުނީގެ ސީނިއާ އެސޯސިއޭޓް ޖޭޖޭ އީނޮކް ވިދާޅުވީ، މި މަސައްކަތަކީ ބައިނަލްއަޤުވާމީ މައިދާނުގައި އެފްރިކާގެ ނުފޫޒު ގަދަކޮށް، ދުނިޔޭގައި އެ ބައްރު ސިފަކުރެވޭ ގޮތުގެ ކޮންޓްރޯލް އެފްރިކާގެ އަތްމައްޗަށް ގެނައުމަށް ކުރެވޭ މުހިންމު ކަމެއް ކަމަށެވެ.

ޓޯގޯ އިން އިސްނަގައިގެން މިހާރު ޕްރޮމޯޓްކުރަން މަސައްކަތްކުރަނީ 2018 ވަނަ އަހަރު ތަޖުރިބާކާރު ޓީމަކުން ފަރުމާކުރި "އީކުއަލް އާތް" ޗާޓެވެ. މި ޗާޓުގެ ސަބަބުން އެފްރިކާއާ މެދު ދެކޭ ގޮތް ބަދަލުވެ، ދުނިޔޭގެ ތަޢުލީމީ މަންހަޖުތައް އިސްތިޢުމާރީ ވިސްނުމުން އެއްކިބާ (ޑީކޮލޮނައިޒް) ކުރުމަށް މަގުފަހިވާނެއެވެ.

މި ޤަރާރާ މެދު ބޮޑު އުންމީދެއް އޮތް އިރު، މިއަހަރުގެ މާރިޗު މަހު ޣާނާ އިސްނަގައިގެން އަޅުންގެ ވިޔަފާރިއަކީ "އިންސާނިއްޔަތާ ދެކޮޅު އެންމެ ބޮޑު ޖަރީމާ" ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ޤަރާރު ވެސް ވަނީ 123 ޤައުމުގެ އަޣުލަބިއްޔަތުން ފާސްވެފައެވެ. އެ ފަހަރު ދެކޮޅަށް ވޯޓު ދިނީ 3 ޤައުމަކުންނެވެ. އަދި 52 ޤައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

މި ޤަރާރު ޢާންމު މަޖިލީހުން ފާސްވެއްޖެނަމަ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޯގޯގެ ވެރިރަށް ލޮމޭގައި ޚާއްޞަ އިވެންޓެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި އިވެންޓުގައި ޔުނެސްކޯ، އެފްރިކަން ޔޫނިއަން އަދި ގޫގުލް މެޕްސް ފަދަ ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ބައިވެރިކޮށްގެން، އައު ޗާޓު ތަންފީޒުކުރާނެ ހަރުދަނާ ޕްލޭނެއް އެކުލަވައިލުމަށް ޓޯގޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް