ސްކޫލް ދަރިވަރުން ތަކެއް؛ ފޮޓޯ / ވޮއިސް
ސްކޫލް ދަރިވަރުން ތަކެއް؛ ފޮޓޯ / ވޮއިސް
ރިޕޯޓް 17 Sep 2026 | 09:43

ބިޒްނަސް ސްޓްރީމް ކިޔަވައިގެން ޤައުމަށް ކުރެވޭ ޚިދުމަތް ކުޑައެއް ނޫނެވެ!

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ސައިންސް ސްޓްރީމް ކިޔެވުމުން ޤައުމު ބިނާވާ ގޮތަށް ބިޒްނަސް ސްޓްރީމް ކިޔެވުމުން ޤައުމު ބިނާ ނުވާ ކަމަށް ބައެއް ބެލެނިވެރީންނާއި ދަރިވަރުންގެ އިތުރުން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެކަމަކު ދުނިޔޭގެ ތަފާސްހިސާބުތަކާއި ދިރާސާތައް ބުނަނީ މުޅީން ތަފާތު ވާހަކައެކެވެ. ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން ޤައުމީ ތަރައްޤީގައި އަދާކުރާ ދައުރު ސައިންސް ސްޓްރީމުގެ ދަރިވަރުންނަށް ވުރެ ދަށެއް ނޫނެވެ. ދެ ދާއިރާ ވެސް ހަމަ އެއް މިންވަރަކަށް މުހިންމެވެ.

ޤައުމެއްގެ އިޤުތިޞާތު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމްގެ ދައުރު

ޤައުމެއްގެ އިޤުތިޞާދު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިޒްނަސް ތަޢުލީމަކީ ވިޔަފާރިވެރިކަމަށް ހިތްވަރު ދީ އިޤުތިޞާދީ އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބާރު އަޅާ ދާއިރާއެކެވެ. ބިޒްނަސް ތަޢުލީމަކީ ކޮންމެ ޤައުމެއްގެ ވެސް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ބަދަލު ނުކުރެވޭ ފަދަ ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ. ބިޒްނަސް ތަޢުލީމު ލިބޭ ފަރާތްތައް ވަޒީފާ ހޯދުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް ތައްޔާރުވެއެވެ.

އެގޮތުން، ދުނިޔޭގެ އިޤުތިޞާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) އަދާކުރާ ދައުރަށް ބަލައިލީމާ ބިޒްނަސް ސްޓްރީމުގެ މުހިންމުކަން ވަރަށް ސާފުވެއެވެ. ދުނިޔޭގައި ގާތްގަނޑަކަށް 400 މިލިއަން އެސްއެމްއީ ހިނގަމުންދާ ކަމަށް ލަފާކޮށްފައިވާ އިރު އެ ވިޔަފާރިތައް ހުރިހާ ވިޔަފާރީގެ ގާތްގަނޑަކަށް 90 އިންސައްތަ ވަޒީފާގެ 70 އިންސައްތަ އަދި ދުނިޔޭގެ ޖީޑީޕީގެ 50 އިންސައްތަ ހިއްސާކުރެއެވެ. އޯއީސީޑީ ބުނާ ގޮތުގައި އެސްއެމްއީތައް ބާރު ވެރިކުރުވުމަކީ ދެމެހެއްޓެނިވި އަދި ޝާމިލު ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެ ވިޔަފާރިތަކަކީ އީޖާދީ ފިކުރާއި ވާދަވެރިކަން ދިރުވައި ބައިނަލްއަޤުވާމީ ބާޒާރުތަކުގައި ވާދަވެރިކަން ދެމެހެއްޓުމާއި ވަޒީފާ އުފެއްދުމުގެ މައިގަނޑު މަސްދަރެވެ. މި ވިޔަފާރިތައް ހިންގައި ކާމިޔާބު ކުރުމަށް ބޭނުންވާ މެނޭޖްމެންޓް ފައިނޭންސް މާކެޓިން އެކައުންޓިން ފަދަ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދެނީ ބިޒްނަސް ސްޓްރީމުންނެވެ.

ސައިންސް، ބިޒްނަސް (ކޮމާސް)، އާރޓްސް ސްޓްރީމްގެ ވަޒީފާތައް؛ ފޮޓޯ / ދަ ކެރިއާސް ގެލްކްސީ

މުސާރައާއި ކެރިއަރުގެ ފުރުޞަތުތައް

މުސާރައާއި ކެރިއަރުގެ ފުރުޞަތުތަކަށް ބެލީމާ ވެސް ދެ ދާއިރާގެ ފަރަޤު ހީކުރާ ވަރަށް ވުރެ ކުޑައެވެ. ސައިންސް ދާއިރާ (ސްޓެމް) ގެ ތަޢުލީމު ވަޒީފާ ފެށޭ ހިސާބުގައި ބޮޑު މުސާރައެއް ހޯދައިދެއެވެ. ނަމަވެސް ވަގުތު ފާއިތުވާ ވަރަކަށް އެހެން ދާއިރާތަކުގެ ދަސްވެނީން އެ ފަރަޤު ހަމަކުރެއެވެ. އެއީ ސްޓެމް ދާއިރާތައް ބަދަލުވެގެން ދާއިރު ލީޑަޝިޕް އަދި މުޢާމަލާތް ކުރުން ފަދަ ހުނަރުތައް ދެމިހުންނާތީއެވެ. ސައިންސާއި ބިޒްނަސް ދެ ދާއިރާއިން ވެސް ބޮޑު މުސާރައެއް ލިބެއެވެ. މުސާރައިގެ ބޮޑު މިން ބިނާވަނީ ކިޔެވި ސްޓްރީމަށް ވުރެ ބޮޑަށް ހޯދާ ހުނަރާއި ތަޖުރިބާއަށެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ބައެއް ވިޔަފާރި ލީޑަރުންނަކީ ބިޒްނަސް ތަޢުލީމު ލިބިގެން ކުރިއަށް ދިޔަ ފަރާތްތައް ކަން ފާހަގަކޮށްލެވެއެވެ. ފޯޗޫން 500 ގެ ސީއީއޯއިންގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ ފަރާތެއް އެމްބީއޭ ޑިގްރީ އޮންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސީތާރާމަން އަކީ ކޮމާސް ދަސްވެނިއެކެވެ. ޕެޕްސީ ކުންފުނީގެ ކުރީގެ ސީއީއޯ އިންދިރާ ނޫޔީ ބީކޮމް ޑިގްރީއާ އެކު އައިއައިއެމް ކެލްކަޓާ އިން އެމްބީއޭ ހެއްދެވި ބޭފުޅެކެވެ.

ބިޒްނަސް ތައުލީމު ހޯދައިފައި ތިބި ބައެއް ވިޔަފާރަވެރިން

ބިޒްނަސް ސްޓްރީމް ދިވެހިރާއްޖޭގައި

ރާއްޖެ ފަދަ ޤައުމަކަށް ބަލާ އިރު ބިޒްނަސް ސްޓްރީމުގެ ދައުރު ވަކީން ބޮޑެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދީ ހަރަކާތުގެ މައިގަނޑު މަސްދަރެވެ. އެ ސިނާޢަތް ޖީޑީޕީގެ ގާތްގަނޑަކަށް 30 އިންސައްތަ ހިއްސާކޮށް ބޭރު ފައިސާގެ 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ހޯދައިދެއެވެ. ރިސޯޓު ދާއިރާގައި ދިވެހީންގެ ހުނަރާއި ތަޖުރިބާ އަދި ތަޢުލީމީ ފެންވަރު ނެތުމުގެ ސަބަބުން ވެސް ދިވެހީން ނެގުމަށް ދަތިތައް ކުރިމަތިވެއެވެ.

ހޮސްޕިޓާލިޓީ މެނޭޖްމެންޓް، ފައިނޭންސް، މާކެޓިން، އަދި ހިއުމަން ރިސޯސް ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ ދިވެހީން އިތުރުވެއްޖެ ނަމަ ބިދޭސީ މަސައްކަތްތެރީންނަށް ބަރޯސާވާ މިންވަރު ކުޑަ ކުރެވޭނެއެވެ. ޑިޖިޓަލް ޒަމާނާ އެއްގޮތަށް އައިޓީ އަދި އީ ކޮމާސް ދާއިރާ ކުރިއެރުވުމުން ރާއްޖެއަށް އައު ފުރުޞަތުތައް ހުޅުވައިލެވޭނެއެވެ. ޓެކް ހުނަރުވެރި މަސައްކަތު ބާރެއް ބައިނަލްއަޤުވާމީ ބާޒާރަށް ޚިދުމަތް ދީ އިންވެސްޓްމެންޓާއި އާމްދަނީ ހޯދޭނެ މަގުތައް ފުޅާ ކުރެވޭނެ ކަމަށް އޭޝިއަން ޑެވެލޮޕްމެންޓް ބޭންކުން ފާހަގަކޮށްފައިވެއެވެ.

ސައިންސާއި ބިޒްނަސް ސްޓްރީމަކީ ވާދަވެރި ދެ ދާއިރާއެއްތަ؟

ޙަޤީޤަތުގައި ސައިންސާއި ބިޒްނަސް ސްޓްރީމަކީ ވާދަވެރި ދެ ދާއިރާއެއް ނޫނެވެ. އެއީ އެކަތި އަނެކައްޗަށް ބޭނުންވާ އެކުއެކީ ޤައުމު ބިނާކުރުމުގައި ބައިވެރިވާ ދެ ބައެވެ. ޤައުމެއްގެ އިޤުތިޞާދު ހިނގަނީ އެ ޤައުމެއްގެ ރައްޔިތުންގެ ޢިލްމާއި ހުނަރުންނެވެ. މަސައްކަތު ބާރުގެ ޒާތީ އަދި ފަންނީ ތަރައްޤީ އަކީ ޤައުމު ބިނާކުރުމުގެ ބިންގާ ކަމަށް ދިރާސާވެރީން ބަޔާންކޮށްފައިވެއެވެ. ސައިންސް ދާއިރާއިން އީޖާދީ ޙައްލު ހޯދާ އިރު އެ ޙައްލުތައް ވިޔަފާރީގެ ސިފައިގައި ބާޒާރަށް ނެރެ ވަޒީފާ އުފައްދައި ޤައުމީ އާމްދަނީ އިތުރުކޮށްދެނީ ބިޒްނަސް ތައުލީމު ލިބިފައިވާ ދަސްވެނީންނެވެ. ސައިންސް ދާއިރާ (ސްޓެމް) ދުނިޔޭގައި ދުވަހެއް ދުވަހަކަށް މުހިންމު ދައުރެއް އަދާކުރަމުންދާތީ ބައެއް ޔުނިވާސިޓީތަކުން ބިޒްނަސް ޕްރޮގްރާމްތެރެއަށް ސްޓެމް ހިމަނަމުންދެއެވެ. މިއިން ދައްކައިދެނީ ދެ ދާއިރާ ވެސް ގުޅި ލާމެހިގެން ކުރިއަށް ދާ ކަމެވެ.

ސައިންސް އިން ބިޒްނަސް؛ ފޮޓޯ / އަންޓޭމްޑް ސައިންސް

ބިޒްނަސް/ސައިންސް ސްޓްރީމް ޚިޔާރުކުރާ ދަރިވަރުންގެ ޤައުމީ ހިދުމަތް

ވީމާ، ބިޒްނަސް ސްޓްރީމް ޚިޔާރުކުރާ ދަރިވަރުންގެ ޤައުމީ ޚިދުމަތް ސައިންސް ސްޓްރީމުގެ ދަރިވަރުންނަށް ވުރެ ދަށެއް ނޫނެވެ. ތެދު ޖަވާބަކީ ރަނގަޅު ސްޓްރީމަކީ ތިބާ ޙަޤީޤީ ޝައުޤުވެރިކަން ހުންނަ ސްޓްރީމެވެ. ސައިންސާއި ބިޒްނަސް ދެ ދާއިރާއިން ވެސް ރާއްޖެއާއި ދުނިޔޭގައި މުސާރަ ރަނގަޅު ކާމިޔާބު ކެރިއަރެއް ބިނާ ކުރެވެއެވެ.

ސައިންސުން ބޭސްވެރިކަމާއި އިންޖިނިއަރިންގާއި ދިރާސާގެ ދޮރު ހުޅުވެއެވެ. ބިޒްނަސް އިން ފައިނޭންސާއި، ވިޔަފާރިއާއި، މެނޭޖްމެންޓުގެ ދޮރު ހުޅުވެއެވެ. ޤައުމަކަށް ބޭނުންވަނީ ޑޮކްޓަރުންނާއި އިންޖިނިއަރުން އެކަންޏެއް ނޫނެވެ. ހަމަ އެ މިންވަރަށް އެކައުންޓެންޓުންނާއި ވިޔަފާރިވެރީންނާއި މެނޭޖަރުންނާއި އިޤުތިޞާދީ މާހިރުން ވެސް ބޭނުންވެއެވެ. ކޮންމެ ދަރިވަރަކު ވެސް އެ ދަރިވަރެއްގެ ޝައުޤާއި ހުނަރާ ގުޅޭ ދާއިރާއެއް ޚިޔާރުކޮށް ހިތްވަރާ އެކު ކުރިއަށް ދިޔުމަކީ ޤައުމު ބިނާކުރުމަށް ކުރެވޭ އެންމެ ބޮޑު ޚިދުމަތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް