ޕާސްޕޯޓް/އައިޑީކާޑު ހިދުމަތް ހުރިހާ އަތޮޅުން، ރިޔާސީ ވައުދު ފުއްދަވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފެށޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު މިރޭ ފުއްދަވައިފި އެވެ.
ހުރިހާ އަތޮޅަކުން ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެ ހިދުމަތްތައް އަތޮޅު ތެރޭގައި ފެށުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިފްތިތާހު ކުރި އެވެ.

އެ މަޝްރޫއުގެ ތެރޭ ހިމެނިހެން މިދިޔަ 11 މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަތޮޅުތަކުގައި ވަނީ ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފަށާފަ އެވެ.
މިރޭ ވަނީ އދ އަތޮޅުގައި އެ ހިދުމަތް ރަސްމީކޮށް ފަށާފަ އެވެ. އެ ގޮތުން އދ މަހިބަދޫގައި މިރޭ ވަނީ އައިޑީކާޑުގެ ހިދުމަތާއި ޕާސްޕޯޓްގެ ހިދުމަތް ފަށާފަ އެވެ. އެ ހިދުމަތް ފެށުމުގެ ގޮތުން ވަނީ އެ ރަށުގެ ރައްޔިތަކަށް ޕާސްޕޯޓް ދޫކޮށްފަ އެވެ.

އެއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފެށިގެން ދިޔައީ އެވެ.
މަހިބަދޫގައި މިރޭ އޮތް ޖަލްސާއަކީ އދ އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށަށް ރައީސް އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާ އެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފެށުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ އެކަމުގެ ޚާއްސަ ފިލައެއް ވެސް އަރުވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް