އަދާލަތުން ނެރޭނީ ސަރުކާރުގެ ކެންޑިޑޭޓް: ޝެއިހް އިމްރާން
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އަދާލަތު ޕާޓީގެ ފަރާތުން ނެރޭ ކެންޑިޑޭޓުންނަކީ މިސަރުކާރުގެ ކެންޑިޑޭޓް ކަމަށް އެ ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހުސައިން ޘަގީފް އިހުސާންގެ ކެމްޕެއިން ފެށުމަށް މިރޭ ވައިކަރަދޫގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ޘަގީފަކީ އެދާއިރާއަށް ވާދަ ކުރައްވާ މިސަރުކާރުގެ ކެންޑިޑޭޓް ކަމަށެވެ.
"އަދާލަތުން ނެރޭ ކޮންމެ ކެންޑިޑޭޓަކީ ސަރުކާރުގެ ކެންޑިޑޭޓެއް،" 8 ދާއިރާއަށް ވާދަ ކުރައްވާ އަދާލަތު ޕާޓީގެ ރައީސް ވިދާޅުވި އެވެ.

ސަރުކާރުގައި އިސްކޮށް އުޅުއްވާ މިނިސްޓަރު އިމްރާން އެގޮތަށް ވިދާޅުވެފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ކެންޑިޑޭޓަކުވެސް ވައިކަރަދޫ ދާއިރާއަށް ވާދަ ކުރައްވަ އެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ މަޖިލިސް މެމްބަރުން ވެގެންދާނީ މިސަރުކާރު ދެމެހެއްޓުމަށާއި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެހީތެރިވާނެ މެމްބަރުންނަށް ކަމަށެވެ. މިސަރުކާރު ދެމެހެއްޓުމަށް ދޫދޭން ޖެހޭ ފަހަރު އެ ޕާޓީން ދޫދެއްވާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
އަދާލަތުގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާއަށް ވާދަ ކުރައްވާ ޘަގީފަކީ އެ ދާއިރާގެ ކައުންސިލް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް