ކެމްޕޭނަށް ބެހެއްޓި ފައިސާގައި އަތްނުލެވޭތީ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފި
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް އަމިއްލަފުޅު އެކައުންޓްގައި ބެހެއްޓެވި ފައިސާ ބޭނުންކުރުމަށް ހުރަސްތަކެއް ހުރުމުން އެކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަޑަވެލި ދާއިރާގެ ރައްޔިތުންނާއި ފޯނުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް ކެމްޕެއިނަށް ރަށްތަކަށް ވަޑައިނުގެންނެވުނީ ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އަމިއްލަފުޅު އެކައުންޓްގައި ކެމްޕެއިނަށް ބެހެއްޓެވި ފައިސާ ފްރީޒްކޮށްފައިވާތީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކޮށްފައި ވަނީ ފުލުހުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ މައްސަލާގައި ފުލުހުން އެދިގެން ކޯޓް އަމުރަކުންނެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލާރި ހަރަދު ނުކުރެވޭނެ ގޮތް ހަދާފައިވާ ކަމަށާއި އެއީ ޑިމޮކްރަސީގައި ކެމްޕެއިން ކުރާގޮތެއް ނޫން ކަމަށެވެ.
"މިއީކީ ނޫން މީހުން ކެމްޕެއިން ކުރާނެ ގޮތަކީ. މިއީކީ ނޫން ޑިމޮކުރަސީއަކީ" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ފާއިތުވި 5 މަސްދުވަހު ސަރުކާރަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި ކުރާ ހުރިހާ ވެސް ކަމަކީ ދަތުރުތައް ކުރުމާއި "މީހުންގެ ފަހަތުން ދުވެ އަނިޔާ ކުރުން" ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް